މާލޭގެ މަޖީދީމަގުގައި ހުރި އިމާރާތެއްގެ ފުރަތަމަ ބުރިން މިއަދު ދެ ބިދޭސީއަކު ވެއްޓި، އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރު ލިބިފައިވާއިރު، އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކަށާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގެ އިމަޖެންސީގައި ފަރުވާ ދެމުން އަންނަކަން އެ ހޮސްޕިޓަލުން ކަށަވަރުކޮށްދިން ނަމަވެސް، ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގުގައި ހުންނަ ޕޮއިސް ޕާފިއުމް ފިހާރަ ހިންގާ އިމާރާތުގައެވެ. އަދި އެ ދެ މީހުން އިމާރާތުން ވެއްޓުނީ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




