އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗް ސެންޓަރު މިއަދު ހަވީރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. އެ ސިޓީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުﷲ ސަޢުދާން އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޟިރާރުއެވެ. މި ރަސްމިއްޔާތުގައި ވުޒާރާގެ އިސްވެރިންނާއި، ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ސިޓީގެ ބައެއް ރައްޔިތުން ބައިވެރިވެލެއްވިއެވެ.
މި ސެންޓަރު ހުޅުވުމާއެކު ފުވައްމުލަކުގައި ޤުރުއާން ޙިފްޡުކުރުމުގެ ޕްރޮގުރާމުތައް އިތުރުކޮށް، މުދައްރިސުންގެ އަދަދުވެސް ގިނަކުރާނެކަން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގެ އިސްލާމީ މަރުކަޒުގެ ޑިޒައިން ނިމި، ކޮންސެޕްޓަށް ކައުންސިލްގެ ބަހެއް ހޯދުމަށް މިހާރު ފޮނުވާފައިވާކަން ވުޒާރާއިން ފާހަގަކުރެއެވެ. އިސްލާމީ މަރުކަޒު ނިމުމުން މިހާރު ހުޅުވުނު ސެންޓަރު ވަޤުފު ބިނާއަކަށް ބަދަލުކުރެވޭނެއެވެ. އަދި އެތަނުން ލިބޭ އާމްދަނީ ޚަރަދުކުރާނީ ފުވައްމުލައް ސިޓީގެ ދީނީ އެކި ކަންކަމަށެވެ.
މި އައުޓްރީޗް ސެންޓަރުގައި ފަސް ކުލާސްރޫމާއި، ނަމާދު ކުރާ ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ކުރާ ރޫމެއްގެ އިތުރުން އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި މީޓިންގ ރޫމެއް ހިމެނެއެވެ.
މުޅި ރާއްޖޭގައި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިހާރުވެސް ރާއްޖޭގެ 16 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ބިނާކުރުމުގެ މަސައްކަތް ވުޒާރާއިން ދަނީ ކުރަމުންނެވެ. ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު އިތުރުވެފައިވާއިރު، ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ މިހާރު ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބާއްވާ، ރާއްޖޭގައި އެންމެ އަގުބޮޑު އިނާމުތައް ދެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވެސް ވުޒާރާއިން ބުނެއެވެ.




