ލ. ގަމު ބަނދަރު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެވެ.
ބަނދަރުގެ މަސައްކަތްތަކާ ބެހޭގޮތުން އެމްޓީސީސީން ބުނީ، މިވަގުތު ކުރިއަށްދަނީ ބަނދަރުގެ ބޭރުތޮށިލުމުގެ މަސައްކަތާއި ޕްރިފައިލިންގްގެ މަރުހަލާ ކަމަށެވެ.

މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތެވެ. މީގެ އިތުރުން، ބަނދަރުގެ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަަކޮށްދިނުމުގެ ގޮތުން 2،501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ބްރިޖެއް ބިނާކުރުމުގެ އިތުރުން ބަނދަރު ސަރަހައްދު ދިއްލުމަށް މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން ކުރިއަށްދާނެއެވެ.
ސަރުކާރުން ލ. ގަމު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ޖުމްލަ 33.4 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.




