ކ.ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިކަމަށް ޓަކައި، ގިރިފުށި ޓްރޭނިންގ ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މި މަޝްރޫޢުގެ މަސައްކަތް އިފުތިތާހުކޮށްދެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި މަޝްރޫޢުގެ ފުރަތަމަ ފޭސްގައި މިހާރު ގިރިފުށީގައި އޮތް 5.7 ހެކްޓަރުގެ ބިމުގެ ތެރެއަށް 13.3 ހެކްޓަރުގެ ބިން އިތުރުކުރެވިގެންދާނެއެވެ. މިއާއެކު ގިރިފުށީގައި ހިންގާ ތަމްރީނުގެ ހަރަކާތްތަކަށް ބޭނުންކުރެވޭ ބިމުގެ ނިސްބަތް ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތަކުގެ ތެރޭގައި، އައްސޭރިފަށުގެ ހިމާޔަތްކުރުމަށް ޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ރަށް ގިރުން ހުއްޓުވުމަށް ބޭރުތޮށްޓާއި ގްރޮއިންސް ޖެހުން ހިމެނޭއިރު، އުޅަނދުފަހަރު ކައިރިކުރުމަށް އެލް-ބްލޮކް ކީ-ވޯލް ހެދުމާއި، ދަތުރުފަތުރާއި ލަފާފުރުމުގެ ފަސޭހައަށް ޓަކައި 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރުމާއި، މިހާރު ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގ ރޭންޖުގެ ބަދަލުގައި 300މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ވެސް ތަރައްޤީކުރުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ މި މަޝްރޫޢުގައި ހިމެނޭ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުމާއި، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ނިމުމުން، ކުރިއަށް އޮތް މަރުހަލާތަކުގައި، ގިރިފުށީގައި ހުރިހާ ވަސީލަތްތަކާ އެކު ޒަމާނީ ތަމްރީން މަރުކަޒެއް ޤާއިމްކުރުމަށް ރޭވިފައިވާ ކަމަށެވެ.
މިގޮތުން މި ރަށް ވެގެންދާނީ ދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީންތަކުގެ މައި މަރުކަޒަށް ކަމަށާއި، މި ތަނުގައި، ދިވެހި އަސްކަރިއްޔާގެ އޮފިސަރ ޓްރެއިނިންގ ވިންގާއި، އެންސީއޯ އެކެޑަމީން ހިންގާ މުހިންމު ތަމްރީންތަކަށް ބޭނުންވާ އުމްރާނީ ވަޞީލަތްތައް ގާއިމްކުރެވި، ދަރިވަރުންނާއި މުދައްރިބުންނަށް ބޭނުންވާ އެކޮމޮޑޭޝަން ފެސިލިޓީތަކާއި، ސަޕޯޓް ނިޒާމްތައް ތަރައްޤީކުރެވިގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘާއި، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ ޙުސައިން އިބްރާހީމާއި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ އިސް ވެރިންނާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ނަޞްރުﷲ ވަސީމުގެ އިތުރުން އޮފިސަރުންނާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް މުޙައްމަދު ޖަމްޝީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލް އަޙްމަދު މުބީން ބައިވެރިވެވަޑައިގެންނެވިއެވެ.




