ސަރަޙައްދީ ފެންވަރުގައި ވައިގެ ފެންވަރު ރަނގަޅުކުރުމާ ގުޅޭގޮތުން ބޭއްވި މުހިންމު މަޝްވަރާ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ވައި ނުސާފުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ބޭއްވުނު މި "ރީޖަނަލް ޑައިލޮގް" ގައި ރާއްޖެއިން ސަރަޙައްދީ ފެންވަރުގައި ވައި ސާފުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، މިހާރު ހުރި އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން އެހެން ޤައުމުތަކާއެކު މަޢުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ބައްދަލުވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ "ސައުތު އޭޝިއާ ކްލީން އެއާ އެކްޝަން ޕްލޭން" ގެ ފަރުމާއާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެ ޕްލޭން އިތުރަށް ފުރިހަމަކުރުން ކަމަށާއި، މިއީ ސަރަޙައްދީ ފެންވަރުގައި ވައިގެ ތަޣައްޔަރުކަން ކުޑަކުރުމަށް އެކުލަވާލެވޭ މުހިންމު މަގުޗާޓެއް ކަމަށެވެ.
އަދި މި މަޝްވަރާތަކުގައި ބައިވެރިވި ޤައުމުތަކުން، އެއް ޤައުމުން އަނެއް ޤައުމަށް ފޯރާ ވައި ނުސާފުވުމުގެ މައްސަލައަކީ މިހާރު ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކޮށްފައިވާ ކަމަށާއި، މި މައްސަލައަށް ހައްލެއް ހޯދޭނީ ސަރަޙައްދީ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެންމެން ގުޅިގެން މަސައްކަތް ކޮށްގެންކަން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.




