ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މޫދު ފެސްޓު 2026 ފަށައިފިއެވެ.
މިކަމަށްޓަކައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މޫދު ފެސްޓު 2026 ފަށްޓަވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ. ވަޒީރުގެ އަރިހުގައި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރ.ޓ.ޑ) ޢަލީ ޒުހައިރު ބައިވެރިވެވަޑައިގެންނެވި އެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނީ "މޫދު ފެސްޓް 2026" އަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށާއި، ދިވެހި މުޖުތަމައުތަކުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯތްބާއި، އެތަންތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ރޫހު އާލާކުރުމަށް އިންތިޒާމުކުރާ އާންމު ހަރަކާތެއް ކަމަށާއި، މައުލޫމާތާއި ތަޖުރިބާ ލިބިދޭ ތަފާތު ހަރަކާތްތަކުގެ އެހީގައި، މި ފެސްޓިވަލްގެ މަގުސަދަކީ ދިވެހިންނާއި، ދިވެހި ގައުމުގެ ދެމިއޮތުމުގެ އަސްލު ކަމުގައިވާ ކަނޑުގެ މާހައުލާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ.
ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މޫދު ފެސްޓުގައި މިއަދު ހެނދުނު ކުރިއަށް ދިޔައީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފެތުމާއި ފީނުމުގެ ހަރަކާތްތަކެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވަރ ބަބުލް" ގެ ނަމުގައި ފީނުމުގެ ޚާއްޞަ ހަރަކާތެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އަދި މެންދުރުފަހު ދަންފަޅީގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރާއި، ކާބޯތަކެއްޗާއި، ކުރެހުމުގެ އިތުރުން ކަނޑުފަޅުތަކާ ގުޅޭ ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.




