ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,600 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިއްޔެ އަތުލައިގެންފިއެވެ. މިއީ ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރި ފަހުން މިހާތަނަށް އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
ސަރުކާރުން ނިންމާފައިވަނީ ނޮވެމްބަރު 15، 2024 އިން ފެށިގެން ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށެވެ. މި ނިންމުމާ ގުޅިގެން ކަސްޓަމްސްއިން އަންނަނީ ރާއްޖެއަށް އެތެރެކުރާ މުދާ އިތުރަށް ހަރުދަނާކޮށް ބަލަމުންނެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި މިހާތަނަށް ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފައެވެ. މީގެ ތެރޭގައި މިދިޔަ ބުދަ ދުވަހު އަތުލައިގަތް 5,600 ކާޓްރިޖްވެސް ހިމެނެއެވެ.
މީގެ އިތުރުން، މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ 1,108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ވަނީ ފެނިފައެވެ.
މި މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.




