މިރޭ ވޯލްޑް ކަޕްގައި އިތުރު ހަތަރު ޓީމަކުން މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅޭނެއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ނުކުންނާނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) އާ ދެކޮޅަށެވެ. ހަމައެއާއެކު، އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ އެއް މެޗުގައި އިންގްލެންޑް ބައްދަލުކުރާނީ ކްރޮއޭޝިއާ އާއެވެ. މީގެ އިތުރުން ގާނާ އާއި ޕެނަމާ ބައްދަލުކުރާއިރު، މުބާރާތުގައި އަލަށް ބައިވެރިވާ އުޒްބަކިސްތާން ނުކުންނާނީ ކޮލަމްބިއާ އާ ދެކޮޅަށެވެ.
ޕޯޗުގަލް އާއި ޑީއާރުސީގެ މެޗް

ޑީއާރުސީ ވަނީ ފީފާ ރޭންކިންގެ 56 ވަނައިން 45 ވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް 'އޮޕްޓާ ސުޕަ ކޮމްޕިއުޓަރު'ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގްރޫޕް ކޭގެ މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ރޭންކިންގެ 5 ވަނައިގައި އޮތް ޕޯޗުގަލްއަށެވެ.
މިމެޗާއި ގުޅޭގޮތުން ހެދި 25,000 ސިމިއުލޭޝަންތަކަށް ބަލާއިރު، %54.6 ފަހަރު މޮޅުވީ ޕޯޗުގަލްއެވެ. އެއްވަރުވުމުގެ ފުރުސަތު %22.3 ގައި އޮތްއިރު، ޑީއާރުސީ މޮޅުވުމުގެ ފުރުސަތު އޮތީ %23.1 ގައެވެ. މިއީ އެ ޓީމަށް އުންމީދެއް އޮތްކަން ހާމަކޮށްދޭ ކަމެކެވެ.
އިންގްލެންޑް އާއި ކްރޮއޭޝިއާގެ މެޗް

މިއީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރާ ހަތަރުވަނަ ފަހަރެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލުން ކްރޮއޭޝިއާ މޮޅުވި ނަމަވެސް، ޔޫރޯގެ ދެ ކުރިމަތިލުމުންވެސް ކުރި ހޯދީ އިންގްލެންޑެވެ. އޮޕްޓާގެ ހިސާބުތަކުން ދައްކާގޮތުގައި %55.9 އާއެކު މި މެޗުގެ ފޭވަރިޓަކީ އިންގްލެންޑެވެ.
ގާނާ އާއި ޕެނަމާގެ މެޗް

މިއީ މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި %45.2 އާއެކު މި މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ޕެނަމާއަށެވެ. ގާނާ މޮޅުވުމުގެ ފުރުސަތު އޮތީ %29.6 ގައެވެ.
އުޒްބަކިސްތާން އާއި ކޮލަމްބިއާގެ މެޗް

ވޯލްޑް ކަޕްގައި އަލަށް ވާދަކުރާ އުޒްބަކިސްތާނާ ދެކޮޅަށް ކޮލަމްބިއާ ނުކުންނައިރު، ކޮލަމްބިއާ މޮޅުވުމުގެ ފުރުސަތު %62.4 ގައި އޮތް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




