މޯލްޑިވް ގޭހުން ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ. މި ބަދަލަކީ ރިސޯޓުތަކާއި، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ ގޭހުގެ އަގަށް ގެނައި ބަދަލެއް ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.
މޯލްޑިވް ގޭހުގެ ފާރާތުން މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި، ވިޔަފާރިތަކަށް ވިއްކާ ގޭހުގެ އަގު ބޮޑުކުރި ނަމަވެސް، އާންމު ގޭބިސީތަކަށް ވިއްކާ ގޭހުގެ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އަލަށް ގެނައި ބަދަލުތަކާއެކު، 45 ކިލޯގެ ގޭސް ފުޅިއެއްގެ އަގު ވަނީ 25 ޕަސެންޓް ބޮޑުކޮށްފައެވެ. އަދި 22 ކިލޯގެ ފުޅިއެއްގެ އަގު ވަނީ 15 ޕަސެންޓަށް ބޮޑުކޮށްފައެވެ. މި ބަދަލާއެކު 45 ކިލޯގެ ފުޅިއެއްގެ އަގު 1,314 ރުފިޔާއަށް އުފުލިފައިވާއިރު، 22 ކިލޯގެ ފުޅިއެއްގެ އަގު މިހާރު ވަނީ 500 ރުފިޔާއަށް ބޮޑުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ބޮޑު ބަދަލެއް އައީ ރިސޯޓުތަކަށް ވިއްކާ ގޭހުގެ އަގަށެވެ. ރިސޯޓުތަކަށް ވިއްކާ އަގު 25 ޕަސެންޓް ބޮޑުކުރިއިރު، ކެފޭ، ރެސްޓޯރެންޓް އަދި ހޮޓާތަކަށް ވިއްކާ އަގު ބޮޑުކޮށްފައިވަނީ 15 ޕަސެންޓެވެ.
މޯލްޑިވް ގޭހުން ހާމަކުރި ގޮތުގައި ގޭހުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގަށް އައި ބަދަލުތަކާ ގުޅިގެންނެވެ.
މި ބަދަލާއެކު ވިޔަފާރިތަކުން ކުރަންޖެހޭ ހޭދަ ބޮޑުވެގެންދާނެ ކަމަށް ބެލެވެއެވެ.




