މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރާ މީހުންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.
އެމްޑީޕީން ބޭއްވި މި މުޒާހަރާއާ ގުޅިގެން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ދައުލަތުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރާއި މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ފާތިމަތު ޒަހިއްޔާ އާއި އިތުރު ހަ މީހެއްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދިޔައީ މައުރޫފް ފިޔަވައި ދެން ތިބި މީހުންގެ ބައެވެ. މި މައްސަލާގައި ހިމެނޭ މީހުންގެ ތެރެއިން ތިން މީހަކު ވަނީ ދައުލަތާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދަން އެދިފައެވެ. އަދި ދެން ތިބި ހަތަރު މީހުންގެ ފަރާތުން އެދިފައިވަނީ ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތަކަށެވެ.
މިގޮތަށް އެދުމާއި ގުޅިގެން ކޯޓުން ވަނީ ވަކީލުން އައްޔަންކުރުމަށް އެ މީހުންނަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މައްސަލާގައި ޖުމްލަ އަށް މީހެއްގެ މައްޗަށް ދައުވާ ކުރާއިރު، އެދުވަހުގެ މުޒާހަރާއާ ގުޅިގެން އިތުރު ބަޔަކު ވެސް ހައްޔަރުކުރި ނަމަވެސް ފަހުން އެ މީހުން ވަނީ ދޫކޮށްލާފައެވެ.




