މި ހަފުތާގެ ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖުކުރުމަށް އިދިކޮޅު އެމްޑީޕީން ރޭ ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޗެއާޕާސަން ކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޭއްވި ފުރަތަމަ ގައުމީ މަޖިލިސް ބައްދަލުވުމުގައެވެ.
ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައި ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދުތަކަށް ބޯނުލަނބައި ސަރުކާރުން ކަންކަން ކުރަމުންދާތީ، އެކަމުގެ ތަކުލީފު ރައްޔިތުން އުފުލަން ޖެހުމަކީ އެ ޕާޓީއަށް ބަލަން ތިބެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީގެ ސެކްރެޓޭރިއެޓުން ހުށަހެޅި މި ގަރާރުގައި ރާއްޖޭގެ އަތޮޅުތެރޭގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި 90 އިންސައްތަ ނިމިފައި ހުރި ޕްރޮޖެކްޓްތައް ވެސް މިހާރު ހުއްޓާލާފައިވާ ކަމަށާއި، ޚާއްސަކޮށް ބައެއް ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައިވާކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން، ޚާއްސަކޮށް އެމްޑީޕީއަށް ތާއީދުކުރާ ފަރާތްތައް ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރަމުންދާ ކަމަށް އެ ޕާޓީން ތުހުމަތުކުރެއެވެ. މިކަމަކީ އެއްވެސް އިންސާފެއް ނެތި ކުރަމުންދާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.
ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރި މި ގަރާރުގައި ތިން ކަމެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެމްޑީޕީން ރަށު ކައުންސިލްތަކާއެކު ގާތުން މަސައްކަތްކުރުމަށާއި، ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށާއި، އަދި ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވެއެވެ.




