ރާއްޖެއިން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަށް ކަނޑައަޅާ ސަފީރުކަމަށް ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް އަދި ރާއްޖެއިން ޤަޠަރަށް ކަނޑައަޅާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ޕަބްލިކް ވަރކްސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ޢައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޠާރިޤު، ޔޫއޭއީގެ ސަފީރުކަމަށް ޢައްޔަންކުރަން ފާސްވީ އެކަމަށްޓަކައި ނެގި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އަދި އާދަމް ޝަރީފް، ޤަޠަރުގެ ސަފީރުކަމަށް ޢައްޔަންކުރަން ފާސްވީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓުންނެވެ.
ޤަޠަރުގައި ރާއްޖޭގެ އެމްބަސީ ހުޅުވި ފަހުން އެ ޤައުމަށް ކަނޑައަޅާ ފުރަތަމަ ސަފީރަކަށް އާދަމް ޝަރީފް އައްޔަންކުރައްވާއިރު، މިއީ 2021 ވަނަ އަހަރު ޤަޠަރާއެކު އަލުން ގުޅުން ގާއިމުކުރި ފަހުން ފޮނުވާ ފުރަތަމަ ސަފީރެވެ. މީގެ އިތުރުން ޔޫއޭއީގެ ސަފީރުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ޙުސައިން ޝަރީފް މިދިޔަ އޭޕްރީލް މަހު އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.




