މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް އަލަށް ޢައްޔަންކުރެއްވި ޙަސަން ޒަރީރަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޒަރީރަށް ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
ޒަރީރު، ފިނޭންސް މިނިސްޓަރު ކަމަށް ޢައްޔަންކުރެއްވީ މި ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ.
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ އިން ބެޗްލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް އިން ފިނޭންސް ހާސިލުކުރައްވާފައިވާ ޒަރީރު މި މަޤާމަށް ޢައްޔަންކުރެއްވީ، ފިނޭންސް މިނިސްޓަރުގެ މަޤާމުގައި ހުންނެވި މޫސާ ޒަމީރު އެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީގެ އެކި މަޤާމުތަކާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޙަސަން ޒަރީރު ވަނީ ޕްރައިވެޓް ކުންފުނިތަކުގައިވެސް ގިނަ އަހަރުތަކެއް ޚިދުމަތްކުރައްވައިފައެވެ.




