ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް އުރީދޫ މޯލްޑިވްސްއާ ގުޅިގެން ރަސްމީކޮށް މިއަދު ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ޕޭޕަލްގެ ރީޖަނަލް ވައިސް ޕްރެޒިޑެންޓް އެންޑް ޖެނެރަލް މެނޭޖަރު އާމިރް ވަލިއާނީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖެއަށް ޕޭޕަލް މެދުވެރިކޮށް ފައިސާ ނެގޭނެ ނުވަތަ ވިތުޑްރޯވަލް ހިދުމަތް ހޯދުމަށް މި ސަރުކާރުން ރަސްމީކޮށް މަސައްކަތް ފެށީ 6 ޖޫން 2024 ގައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޕޭޕަލްގެ ސީއީއޯ އެލެކްސް ކުރިސްއަށް ސިޓީއެއް ފޮނުވައި، ރަސްމީ މަޝްވަރާތައް ވަނީ ފަށާފައެވެ. އޭގެ ފަހުން އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗަަޑް ވަރްމާގެ އެހީތެރިކަމާއެކު ޕޭޕަލްގެ އިސްވެރިންނާ ބައްދަލުކޮށް ސަރުކާރުން ވަނީ ރަސްމީ ޕްރޮޕޯޒަލް ހުށަހަޅާފައެވެ.
ޕޭޕަލްއިން ރާއްޖޭގެ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ކަނޑައެޅީ އުރީދޫ މޯލްޑިވްސްއެވެ. ނަމަވެސް އެންޓި-މަނީ ލޯންޑްރިން (އޭއެމްއެލް) ކޮމްޕްލަޔަންސްގެ ބައެއް މިންގަނޑުތައް ހަމަނުވުމުގެ ސަބަބުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިދުމަތް ފެށުމަށް ކުރި މަސައްކަތް ލަސްވެގެން ދިޔައެވެ. އެހެންނަމަވެސް، އުރީދޫއިން އެ ކުންފުނީގެ އޭއެމްއެލް ޕްރޮގްރާމް އިތުރަށް ވަރުގަދަކޮށް، ޕޭޕަލްއިން ބޭނުންވި ހުރިހާ ބަދަލުތަކެއް ގެނެސް ނިންމާފައިވަނީ މި އަހަރުގެ ކުރީކޮޅުއެވެ.
މި ހިދުމަތް ފެށުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުރީދޫއަށް އިންވާޑް ރެމިޓެންސް ލައިސަންސް ވެސް ދޫކޮށްފައެވެ. އަދި މިއަހަރުގެ މޭ މަހުގެ ތެރޭގައި ސިސްޓަމް ޓެސްޓުކުރުމުގެ މަސައްކަތްތައް ފުރިހަމަކުރުމަށްފަހު، މިއަދު މިވަނީ ރަސްމީކޮށް ހިދުމަތް ލޯންޗުކޮށްފައެވެ.
ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުވުމަކީ ރާއްޖޭގެ ޑިޖިޓަލް އިގްތިސާދާއި ކްރިއޭޓިވް އިގްތިސާދު ކުރިއެރުވުމަށް އެޅުނު މުހިންމު ފާލަމެކެވެ. މީގެ ސަބަބުން ރާއްޖޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރާ ފްރީލާންސަރުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި ވެސް ޕޭޕަލް ރާއްޖެއަށް ގެނައުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. މިއަދު މި ފެށުނު ހިދުމަތާއެކު ދިވެހި ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.




