ފީފާ ވޯލްޑް ކަޕް 2026 ގައި ޖަރުމަނު ކުޅޭ ފުރަތަމަ މެޗުގައި ކިއުރަސޯއާ ދެކޮޅަށް ނުކުންނައިރު، ޖަރުމަނު ޓީމުން އެއްވެސް ވަރަކަށް ފަރުވާކުޑަ ނުކުރާނެ ކަމަށާއި، މި ފަހަރުގެ މުބާރާތަކީ ޖަރުމަނު ފުޓްބޯޅައަށް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމުގެ މުހިންމު ފުރުސަތެއް ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނާގަލްސްމަން ބުނީ، ވޭތުވެދިޔަ ދެ ވޯލްޑް ކަޕުގެ ފުރަތަމަ ބުރުން ކަޓައިގެން ދިޔުމުގެ ސަބަބުން ޖަރުމަނުގެ ފުޓްބޯޅައާ މެދު މީހުން ދެކޭގޮތް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން، މި ފަހަރުގެ އަމާޒަކީ ދުނިޔޭގެ ފުޓްބޯޅައިގައި ޖަރުމަނަށް އޮތް ގަދަރު އަލުން ހޯދުން ކަމަށް އޭނާ ފާހަގަކުރިއެވެ.

ނާގަލްސްމަން ބުނިގޮތުގައި ހަތަރު ފަހަރު ދުނިޔޭގެ ތަށި އުފުލާލާފައިވާ ޖަރުމަނަށް މި މުބާރާތުގައި ކުރިއަށްދިޔުމަށް އެ ޓީމުގެ ތަޖުރިބާކާރު ގޯލްކީޕަރު މެނުއަލް ނޯޔާގެ ފޯމު ވަރަށް މުހިންމެވެ. އުމުރުން 40 އަހަރުގެ ނޯޔާ މިހާރު ހުރީ އެންމެ ރަނގަޅު ކުޅުން ދެއްކޭނެ ފަދަ ހާލަތެއްގައި ކަމަށާއި، ޓީމުގެ ކާމިޔާބީގައި އޭނާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށްވެސް ކޯޗު ބުންޏެވެ.
މި ފަހަރުގެ މުބާރާތް ކާމިޔާބުކުރާނެ ފޭވަރިޓުންގެ ތެރޭގައި ޖަރުމަން ނުހިމެނޭތީ އެކަމާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބުދެމުން ނާގަލްސްމަން ބުނީ، އެ ސުވާލުގެ ޖަވާބު ލިބޭނީ މުބާރާތް ނިމުމުން ކަމަށެވެ. "ވޭތުވެދިޔަ ދެ ވޯލްޑް ކަޕަށް ބަލާއިރު އަހަރެމެންގެ ކުޅުން ފެނިގެންދިޔައީ އެންމެ ރަނގަޅަކަށް ނޫން. އެހެންކަމުން މި ފަހަރު ފޭވަރިޓެއްގެ ގޮތުގައި އަހަރެމެންގެ ނަން ނުގަނެވުމަކީ އެކަށީގެންވާ ކަމެއް. އަހަރެމެންގެ މަސައްކަތަކީ މި ފަހަރުގެ މުބާރާތުގައި ފުރިހަމަ ކުޅުމެއް ދައްކައި، ޖެހިގެން އަންނަ ވޯލްޑް ކަޕަކަށް ނުކުންނައިރު އެންމެ ފޭވަރިޓް ޓީމަށް ވުން،"
ނާގަލްސްމަން ބުންޏެވެ.
ކިއުރަސޯއާ ބެހޭގޮތުން ވާހަކަދައްކަމުން ނާގަލްސްމަން ބުނީ އެ ޓީމުގައި ހިމެނޭ ނެދަލެންޑްސްއާ ގުޅުންހުރި ކުޅުންތެރިންނަކީ ހައިރާންކުރުވަނިވި ނަތީޖާއެއް ނެރުމުގެ ގާބިލުކަން ހުރި ބައެއް ކަމަށާއި، އެހެންކަމުން މުޅި ޓީމުގެ ސަމާލުކަން މިވަގުތު ހުރީ އެ މެޗަށް އެކަނި ކަމަށެވެ.
މި މެޗަކީ އާދަޔާ ހިލާފު ކުރިމަތިލުމަކަށް ވެސް ވެގެންދާނެއެވެ. އެއީ މުބާރާތުގެ އެންމެ ހަގު ހެޑް ކޯޗު، އުމުރުން 38 އަހަރުގެ ނާގަލްސްމަން އާއި، އެންމެ ދޮށީ ކޯޗު، އުމުރުން 78 އަހަރުގެ ޑިކް އެޑްވޮކާޓް ބައްދަލުކުރާ މެޗަށް ވާތީއެވެ.
މިކަމާ ގުޅޭގޮތުން ސަމާސާ ރާގަކަށް ނާގަލްސްމަން ބުނީ، އެހާ ދިގު މުއްދަތަކަށް ކޯޗުކަން ކުރުމުގެ ވިސްނުމެއް އޭނާގެ ނެތް ކަމަށެވެ.
"އަހަރެން މިކުރާ މަސައްކަތް ދެކެ ލޯބިވޭ، އެކަމަކު އެ އުމުރަށް ދާއިރު އެހެން ކަންތައްތަކެއްގައި އުޅެވޭނެ ކަމަށް އުއްމީދުކުރަން،"
އޭނާ ބުންޏެވެ.
ވޯލްޑް ކަޕުގެ މި ގްރޫޕުގައި ޖަރުމަނާއި ކިއުރަސޯގެ އިތުރުން ދެން ހިމެނެނީ އައިވަރީ ކޯސްޓާއި އެކުއަޑޯއެވެ.




