ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބު އަދާކުރަން ގަސްދުގައި ހުރަސްއެޅި ކަމުގެ ތުހުމަތުގައި، އިދިކޮޅު އެމްޑީޕީގެ މެންބަރު އަދި މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) ގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ އަޑުއެހުން އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
ކޯޓުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، މި މައްސަލައިގެ އަޑުއެހުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ޒާޔާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގައެވެ.
މި ކަމާ ގުޅިގެން ޒާޔާ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، "އަޅުގަނޑު ކޯޓަށް ހާޒިރުވާން އަންގާފައިވަނީ ރައްޔިތުން އަޅުގަނޑު އިންތިޚާބުކުރި ޒިންމާ އުފުލުމަށް ޓަކައި ޖަލްސާއަށް ދާން އޮތް ގަޑިއަށް" ކަމަށެވެ.
މި މައްސަލައަށް ބަލާއިރު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ޒާޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އިތުރު ބައެއްގެ މައްޗަށް ވެސް މި މައްސަލައިގައި ދައުވާކޮށްފައެވެ.




