ޒުވާނުންނަކީ ޤައުމަށް ލޯބިކުރާ، ޒިންމާދާރު ބަޔަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި "ދިވެހި ވަތަނީ ޚިދުމަތް" ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ 137 ދަރިވަރަކު، ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކޮށް ދަސްވެނިވެއްޖެއެވެ.
މި ކާމިޔާބީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، އަދި ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުން ކަމަށެވެ. އެގޮތުން، ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗު ނިންމި ކުދިންގެ ތެރެއިން ސިފައިންގެ ޚިދުމަތް އިޚުތިޔާރުކުރި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯސް 137 ދަރިވަރަކު ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން އެމަނިކުފާނު އުފަލާއެކު ފާހަގަކުރެއްވިއެވެ.
މި ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަކީ ރާއްޖޭގެ އުތުރުން ދެކުނަށް، 20 އަތޮޅެއްގެ 70 ރަށަކަށް ނިސްބަތްވާ ކުދިންނެވެ.
"މި ކޯހުން އެކި ވަނަތައް ހާސިލްކުރި އެންމެހާ ބައިވެރިންނަށް މަރުހަބާ ދަންނަވަން. އަދި ސިފައިންގެ މަތިވެރި ޚިދުމަތަށް ކުރިމަތިލީ އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން." ބައިވެރިންނަށް ތަހުނިޔާ ވިދާޅުވަމުން ރައީސް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވާ ޒުވާނުންނަށް ސިފައިންގެ ފިޔަވައި ސަރުކާރުގެ އެކި އިދާރާތަކާއި އަމިއްލަ ކުންފުނިތަކުންވެސް ވަޒީފާ ހޯދުމުގެ ފުރިހަމަ އިޚުތިޔާރު ލިބިގެންވެއެވެ.
އެމްއެންޑީއެފް އިން ހިންގާ ނެޝަނަލް ސާވިސްގެ ދެވަނަ ބެޗުގެ ޒުވާނުން މިހާރު ވަނީ ފަންނީ ތަމްރީނުތަކަށް ބ. ކިހާދުއަށް ފުރާފައެވެ.
ޒުވާނުން ބިނާކުރުމުގެ މި ބޮޑު މަޝްރޫޢަކީ އުމުރުން 16 އަހަރާއި 28 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިގެން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 18 އަހަރު ނުފުރޭ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ ހުއްދަލިބިގެން، ސިއްހީ ގޮތުން ހަށިގަނޑު ދުޅަހެޔޮ ނަމަވެއެވެ.




