ވޯލްޑް ކަޕްގެ ފުރަތަމަ ދުވަހު ކުޅޭ މެޗުތަކަކީ އާންމުކޮށް މެކްސިކޯއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ މެޗުތަކެކެވެ. މީގެ ކުރިން މުބާރާތުގެ ފުރަތަމަ ދުވަހު ކުޅުނު ހަތް މެޗުގެ ތެރެއިން ފަސް މެޗުން އެޓީމު ވަނީ ބަލިވެފައެވެ. އަދި ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
48 ޓީމު ވާދަކުރާ މި ފަހަރުގެ ބޮޑު މުބާރާތް ފެށުމުގެ ގޮތުން މިރޭ އަމިއްލަ ގައުމުގައި ދެކުނު އެފްރިކާއާ ދެކޮޅަށް ކުޅޭ މެޗަކީ މެކްސިކޯއަށް މި ސަގާފަތް ބަދަލުކޮށްލަން ލިބޭ ރަނގަޅު ފުރުސަތެކެވެ.
"މި ނަތީޖާތައް ބަދަލުކުރަން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ،"
އަޒްޓެކާ ސްޓޭޑިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްސިކޯގެ ކޯޗު ހާވިއޭ އަގީރޭ ބުންޏެވެ.
މީގެ ކުރިން ފުރަތަމަ މެޗުން މޮޅުވެފައި ނުވާކަން ފާހަގަކުރަމުން އޭނާ ބުނީ، އެކަން ކުރިން އެނގިފައި ނެތް ނަމަވެސް، ކުޅުންތެރިންނަށް އެ ވާހަކަ ކިޔައިދޭނެ ކަމަށެވެ. އަދި އެއީ މެޗުން މޮޅުވުމަށް ކުޅުންތެރިންނަށް ލިބޭނެ އިތުރު ހިތްވަރަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.
މި މެޗަކީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ހުޅުވި މެޗުގެ ރިމެޗެކެވެ. ޖޮހަނަސްބާގްގައި ކުޅުނު އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެކްސިކޯގެ ކޯޗުކަމާ ތިންވަނަ ފަހަރަށް ހަވާލުވެ ހުރި އަގީރޭގެ އިރުޝާދުގެ ދަށުން އެޓީމު މިހާރު ކުޅެމުންދަނީ ފަހުގެ ތާރީޚެއްގައި ނުފެންނަ ފަދަ މޮޅު ކުޅުމެކެވެ. އެގޮތުން އެންމެފަހުން އެޓީމު ކުޅުނު ހަތް މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ. އެޓީމު އެންމެ ފަހުން ބަލިވީ މިދިޔަ ނޮވެމްބަރު މަހު ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.
"މިއީ އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބު ދުވަހަކަށް ވެގެންދާނެ. ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، މިއީ އެތައް އަހަރަކަށް ދެމިގެންދާނެ އުފާވެރި ފާހަގަކުރުމަކަށް ވާނެ،"
1986 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު އަގީރޭ ބުންޏެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، 1986 ވަނަ އަހަރުގެ މުބާރާތް ފެށި ފަދަ ފުރިހަމަ ފެށުމަކުން މުބާރާތް ފެށުމަކީ އުންމީދެކެވެ. އަދި އަމިއްލަ ގައުމުގައި ވޯލްޑް ކަޕެއް ކުޅުމުގެ ފުރުސަތު ދެން މި ކުޅުންތެރިންނަށް ލިބުމަކީ ނާދިރު ކަމަކަށްވާތީ، މިއީ ތާރީޚީ ދުވަހަކަށް ހެދުމަށް ކުޅުންތެރިން ތިބީ ތައްޔާރަށެވެ.
ތާރީޚަށް ބަލާއިރު މެކްސިކޯ އިން ވަނީ 1930، 1950، 1954، 1958 އަދި 1962 ވަނަ އަހަރުގެ މުބާރާތް ހުޅުވި މެޗުތަކުން ބަލިވެފައެވެ. އަދި 1970 އާއި 2010 ވަނަ އަހަރުގެ ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މެކްސިކޯގެ ކޯޗު އަގީރޭ އާއި ދެކުނު އެފްރިކާގެ ކޯޗު ހޫގޯ ބްރޫސް އަކީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެކަކު އަނެކަކާ ދެކޮޅަށް ކުޅެފައިވާ ދެ ކުޅުންތެރިންނެވެ. އޭރު ބްރޫސް ކުޅުނީ ބެލްޖިއަމްގެ ގައުމީ ޓީމަށެވެ. އެ މެޗުން މެކްސިކޯ މޮޅުވީ 2-1 އިންނެވެ.
2021 ވަނަ އަހަރު ދެކުނު އެފްރިކާގެ ކޯޗުކަމާ ހަވާލުވި ބްރޫސް ވަނީ 16 އަހަރަށްފަހު އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، 2023 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިންވަނަ މަގާމު ހޯދައިދީފައެވެ.
"މިއީ ބޮޑު ގޮންޖެހުމެއް. 87،000 މެކްސިކޯ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫން. އެކަމަކު އަޅުގަނޑު ކުޅުންތެރިން ގާތު ބުނާނީ ހަމައެކަނި ކުޅުމަށް ސަމާލުކަން ދިނުމަށް. ސަޕޯޓަރުންނަކީ ކުޅޭ ބައެއް ނޫން، އެމީހުން ހަމައެކަނި އަޑުގަދަކޮށް ލަވަކިޔައި ނަށާނީ،"
ބްރޫސް ބުންޏެވެ.
އޭނާ އިތުރަށް ބުނީ، މެކްސިކޯގެ ސަޕޯޓަރުންގެ އަޑުގަދަވުމުގެ ސަބަބުން ކުޅުންތެރިންގެ ސަމާލުކަން ނުގެއްލޭނަމަ، މިރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމަށެވެ. އަދި މުބާރާތް ބާއްވާ ގައުމަށް އޮންނަ ފަދަ ޕްރެޝަރެއް އެޓީމަށް ނެތް ކަމަށާއި، މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް ބްރޫސް ފާހަގަކުރިއެވެ.




