ވައިގެ މަގުން ރާއްޖެއަށް އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގެ ތުހުމަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު ، ފޭރުގަސްދޮށުގެ ، ލ.ގަން / އަޙްމަދު އަފްރާޙް (33އ) އާއި ކ.މާލެ / ހ.ކަހަފަތި ، އިލްޔާސް އަޙްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި ، ޙަސަން ޝަމްޢޫން (36އ) އެވެ.
ފުލުހުން ބުނީ މި ފަސް މީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި މީހުން ކަމަށެވެ.
މިގޮތުން އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް، ވިއްކާއި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މި ޖޫން މަހުގެ 9 ވަނަ ދުވަހު ކަމަށާއި، މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




