މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޅ. ހިންނަވަރުން ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު މީހުން ކަމަށްވާ ކަރެޝްމާ / ޢަބްދުލްމަޖީދު ރަޝާދު (35އ) އާއި ސަރަހަ / މުޙައްމަދު ސައްޖާދު ޢަލީ (34އ) އާއި ދިލްޝާދު / (24އ) އާއި ދުވާފަރު / ޢަހުދު އިބްރާހީމް (34އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ނައިފަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މިގޮތުން މި ޖޫން މަހުގެ 9 ވަނަ ދުވަހު ހިންނަވަރު ގެއަކުން މި މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ޢަހުދު އިބްރާހިމް 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަދި އަނެއް ތިންމީހުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




