ދާއިރާގެ މަސައްކަތްތައް ރާއްވަވައި، ހިންގެވާނީ ދާއިރާގެ މަސައްކަތް ކުރާ ވީހާ ވެސް ގިނަ އަމިއްލަ ޖަމިއްޔާތަކުގެ ބައިވެރިވުން ހިމެނޭހެން ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީއާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހީނާ ވިދާޅުވީ މި ދާއިރާގެ ޢިލްމީ އަދި ފަންނީ ބޭފުޅުން ހިމެނޭހެން އެންމެންގެ ވެސް ބައިވެރިވުމާއި އެހީތެރިކަމާ އެކު ގުޅިގެން ކުރެވޭ މަސައްކަތަކުން ނޫނީ ފަންނާ ސަގާފަތާއި ތަރިކައިގެ ދާއިރާ ތަރައްޤީ ނުކުރެވޭނެ ކަމަށެވެ. އަދި ދާއިރާ ތަރައްޤީ ކުރުމަށް ވަޒީރު ކުރައްވާ މަސައްކަތްޕުޅު ބައްޓަން ކުރައްވާނީ އެ ރޫޙު އުފެއްދޭނޭ ގޮތުގައި ކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ދެއްވާފައެވެ.
މި ބައްދަލުވުމުގައި ޖަމިއްޔާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޖަމުޢިއްޔާގެ ރައީސް ޠާހާ އަބޫބަކުރުގެ އިތުރުން ސެކެޓްރީ ޖެނެރަލް އަޙްމަދު އަފްރާޙެވެ.
ޠާހާ ވަނީ ޖަމުޢިއްޔާގެ ފަރާތުން ކުރިން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރާވައިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ވަޒީރާ ޙިއްސާ ކުރައްވައި، މި މަސައްކަތަށް ވުޒާރާގެ ފަރާތުން އެހީތެރިކަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
އަދި ހަމައެހެންމެ، އަމިއްލަ ޖަމިއްޔާއެއްގެ ހައިސިއްޔަތުން މިދާއިރާގައި ކުރާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކުގެ މައުލޫމާތުވެސް ޖަމުޢިއްޔާގެ ރައީސް ވަނީ ވަޒީރަށް އަރުވާފައެވެ.




