ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސް ތަރުޖަމާނުގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު ޝިފާން މިއަދު އެ މަގާމުން ވަކިކޮށްފިއެވެ. ޝިފާން ވަކިކުރުމަށްފަހު، ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރައްވާފައިވަނީ ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އާރިފެވެ.
ފުލުހުންގެ އާ ތަރުޖަމާނަކަށް އައްޔަންކުރެއްވި އާރިފަކީ މީގެ ކުރިން ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. ޝިފާން މި މަގާމުން ވަކިކޮށްފައި މިވަނީ، އޭނާ ފުލުހުންގެ ތަރުޖަމާނުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވުމަށްފަހުގައެވެ.
ޝިފާން ތަރުޖަމާނުކަމުން ވަކިކޮށްފައިވާއިރު، އޭނާއާ ދެކޮޅަށް ބަދުއަޚުލާގީ އެކި މައްސަލަތަކާއި މަގާމުގެ ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. މި މައްސަލަތައް މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ވެސް ވަނީ ހުށަހަޅައިފައެވެ.
މި ބަދަލާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ފުލުހުންގެ މުއައްސަސާގެ ހިންގުމަށް ގެނައި ބަދަލެއްގެ ގޮތުގައި ބެލެވެއެވެ.




