ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެވޭނީ އެންމެ ޕާޓީއަކަށް ނޫން ކަމަށާއި، އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ ހުރިހާ ޕާޓީތަކަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޞާލިޙް ފާހަގަކުރެއްވި ގޮތުގައި ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް އިންތިޚާބުވީ ހުރިހާ ސަރުކާރެއްވެސް ވެރިކަމަށް އައިސްފައިވަނީ ކޯލިޝަނަކުންނެވެ. އެގޮތުން ޚުދު އެމަނިކުފާނު ހިމެނިވަޑައިގަންނަވާހެން ކުރީގެ ދެ ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީންވެސް ވެރިކަމަށް ވަޑައިގަތީ ކޯލިޝަނަކުން ކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
"...އަދި ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރުމުގައި މީއަކީ އެންމެ ޕާޓީއަކަށް ކުރެވޭ ވަރުގެ ކަމެއްނޫން އަދިއެއް، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް މި ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާކިޔަން ޖެހޭނެ،" ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވަށައިގެން ތިބި މީހުން ހަމައެކަނި ކައިރިކޮށްގެން އިންތިޚާބު ކާމިޔާބެއް ނުކުރެވޭނެ ކަމަށެވެ.
އިންތިޚާބުގެ ހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ޞާލިޙް ވިދާޅުވީ މިވަގުތު އެމްޑީޕީގައި 60,000 އެއްހާ މެންބަރުން ތިބިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި އޭގެ އިތުރަށް 91,000 އެއްހާ ވޯޓު ބޭނުންވާ ކަމަށެވެ. އެ ވޯޓުތައް ހޯދޭނީ ކޯލިޝަނުގެ ބައިވެރިން ގަބޫލުކުރާ ވިސްނުމަކާއި އެ މީހުން ގެންގުޅޭނެ ކަމުގެ ޔަގީންކަން އޮތް ސިޔާސަތުތަކަކާއެކު ކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ކޯލިޝަން އެއްބަސްވުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް ނަޝީދު އަދި އަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުالله އާއެކު ސޮއިކުރެއްވި އެއްބަސްވުމުގައި މަގާމުތައް ބަހާނެ ގޮތާއި ސަރުކާރު ހިންގާނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
"އަޅުގަނޑު އަމިއްލައަށް ދިން މަގާމެއް އެހެން ޕާޓީއަކަށް ނޯންނާނެ،" ކޯލިޝަން އެއްބަސްވުމަށް އަމަލުކުރެއްވި ގޮތާ ގުޅޭގޮތުން ޞާލިޙް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގައި އެތައް ސިޔާސީ ލީޑަރުންނެއް އެބަތިބި ކަމަށާއި، ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ގިނަ ކެންޑިޑޭޓުން ތިބިކަމީ ޕާޓީގެ ދިރުން ކަމަށެވެ.




