ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އައްޑޫގައި ބެހެއްޓި ފޮށިތަކުން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އަބްދުއްރަހީމް ވިދާޅުވީ މި ނަތީޖާއިން ލިބޭ ހިތްވަރަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމުގެ އަޒުމް ކަމަށެވެ.
އިއްޔެ ބޭއްވި މި އިންތިހާބު ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް، އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ. ސޯބެ އަށް 1,375 ވޯޓު ލިބިވަޑައިގަތް އިރު، ޕީއެންސީގެ ކެންޑިޑޭޓް އަހުމަދު ސައީދަށް ލިބިވަޑައިގަތީ 1,313 ވޯޓެވެ. އިންތިހާބުގެ ނަތީޖާ ސޯބެގެ ކޮޅަށް އެނބުރުނީ މާލޭގައި ބެހެއްޓި ފޮށިތަކުން ލިބުނު ވޯޓުންނެވެ.
އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ކެންޑިޑޭޓް ސައީދާއި ކެމްޕެއިން ޓީމުން ކުރި މަސައްކަތަށް ތައުރީފު ކުރައްވާފައެވެ. "އަހުމަދު ސައީދު ކުރެއްވި މަސައްކަތާ ހިތްވަރަށް ސާބަސް ދެން. ކެމްޕެއިން ޓީމުގެ މަސައްކަތަށް ތައުރީފު ހައްގު. އައްޑޫ ސިޓީގައި ބެހެއްޓުނު ފޮށިތަކުން ޕީއެންސީގެ ކެނޑިޑޭޓް ކުރި ހޯއްދެވުމަކީ ލިބުނު ވަރަށްބޮޑު ކާމިޔާބީއެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ "އިންޝާ الله މިއަދުން ހިތްވަރު ލިބިގެން 2028 އަށް ރައީސް މުއިއްޒާ އެކު މިތިބީ އަމާޒު ހިފައިގެން ގަދަކޮށް،" ކަމަށެވެ. އަބްދުއްރަހީމް ވަނީ ކެމްޕެއިންގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އައްޑޫއަށް ވަޑައިގެން، ދޮރުން ދޮރަށް ހިންގަވައި ސައީދަށް ތާއީދު ހޯއްދަވައިދެއްވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ.
ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވެސް ވިދާޅުވީ، އިންތިހާބުން ނާކާމިޔާބުވި ނަމަވެސް ދާއިރާގައި ބެހެއްޓި ފޮށިތަކުން މެޖޯރިޓީ ލިބުމަކީ ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި ކެމްޕެއިން ނިމުނު ނަމަވެސް ދާއިރާގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމާލާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މި އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދަވައިދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ މުޅި ލީޑަޝިޕުން އައްޑޫގައި ހަރަކާތްތެރިވިއެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު ވެސް އޮތީ ސޯބެއަށެވެ.




