މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މި މުއްދަތުގެ ތެރޭގައި ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 178,389 ޑޮލަރު (2.8 މިލިއަން ރުފިޔާ) އެވެ.
ކުންފުނީގެ މާލީ ރިޕޯޓުތަކަށް ބަލާއިރު، ހިންގުމާއި މުވައްޒަފުންގެ ހަރަދުތަކަށް ފުރަތަމަ ކުއާޓަރުގައި 490,122 ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރުގެ މުޅި ޖުމްލަ ފައިދާގެ ގޮތުގައި އެމްޓީޑީސީއަށް ލިބިފައިވަނީ 1.2 މިލިއަން ޑޮލަރު (19 މިލިއަން ރުފިޔާ) އެވެ. މިއީ ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތައް ކުއްޔަށް ދީގެން އާމްދަނީ ހޯދާ ކުންފުންޏެކެވެ.
އެމްޓީޑީސީއަށް 11 އަހަރުގެ މެދުކެނޑުމަކަށްފަހު ފައިދާވާން ފެށީ 2021 ވަނަ އަހަރުއެވެ. އެއީ ކުންފުނިން ލީޒްކޮށްފައިވާ ރަށްތަކުގެ އެގްރީމެންޓްތައް މިހާރަށް ވުރެ ފައިދާވާ ގޮތަށް ބަދަލުކުރުމާ ގުޅިގެންނެވެ. އެ ކުންފުނިން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށި 2007 ވަނަ އަހަރުން ފެށިގެން 2014 އާ ހަމައަށް ހިއްސާއެއް 100 ރުފިޔާއަށް ވިއްކި ނަމަވެސް، މާލީ ދަތިތަކާ ގުޅިގެން 2014 އިން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު ވަނީ 10 ރުފިޔާއަށް ބަދަލުކޮށްފައެވެ.
އެމްޓީޑީސީން ވިޔަފާރި ފުޅާކުރުމަށް ތަފާތު މަސައްކަތްތައް ކުރަމުން އަންނައިރު ކުންފުނިން ތަރައްޤީކުރާ އައު އޮފީސް އިމާރާތުގެ މަސައްކަތުގެ ބޮޑުބައެއް ނިމި، މިހާރު ކުރިއަށްދަނީ ފިނިޝިންގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެ ކުންފުނިން ވަނީ މީގެކުރިން ހާމަކޮށްފައެވެ.
މިއީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަމިއްލަ އިމާރާތެއްގައި މަސައްކަތް ކުރުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ. އޮފީސް އިމާރާތުގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި އެ ކުންފުނިން ކުރިއަށްގެންދާ އެހެން މަޝްރޫޢުތަކަށްވެސް ބޮޑު ސަމާލުކަމެއް ދަނީ ދެމުންނެވެ. އެގޮތުން ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ.




