މާލޭގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނަކު ބަންދުކޮށްގެން، އޭނާ ލައްވައި މަޖުބޫރުން ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މުޙައްމަދު ނަހީދުލް އިސްލާމް ނަމަކަށް ކިޔާ މީހެކެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން، ގަލޮޅުގެ ގެއެއްގައި ދިރިއުޅޭ މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި 10 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އެހެންކަމުން އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، ނަހީދުލް އިސްލާމްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ބައެއް ހެކިތައް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ހާދިސާގެ ރިޕޯޓާއި، ފުލުހުންގެ ބަޔާނުގެ އިތުރުން ވިކްޓިމްއާ ގުޅޭ މުހިންމު ލިޔުންތަކެއް ހިމެނޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭނާގެ މައްޗަށް މައިގަނޑު ގޮތެއްގައި ތުހުމަތު ކުރެވެނީ އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ހަށިވިއްކުމުގެ އަމަލުތައް ހިންގުވި ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދަނީ އިންސާނީ ވަގުފާރި ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ. މައްސަލަ ބެއްލެވި ގާޒީ ފާހަގަކުރެއްވި ގޮތުގައި، ތުހުމަތު ކުރެވޭ މީހާ މުޖުތަމައަށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުން މުހިންމެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ނެޓްވޯކްތައް ހިންގާ މައްސަލަތައް ފުލުހުން ދަނީ ސީރިއަސްކޮށް ބަލަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި، ވަޒީފާގެ ނަމުގައި ރާއްޖެ ގެނައުމަށްފަހު ޕާސްޕޯޓު ހިފަހައްޓައި މަޖުބޫރުން ހަށިވިއްކުވާ ބިދޭސީ އަންހެނުންނެވެ.




