ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުން ރާއްޖޭން ބޭރުގެ އީކޮމާސް ވެބްސައިޓްތަކަށް ފައިސާ ދެއްކޭ އަދަދު ލިމިޓްކޮށްފައި ވިޔަސް، އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް އެ ލިމިޓްގެ ތެރޭގައި ހިމަނާފައި ނުވާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ. ޑޮލަރުގެ ތާށިކަމާ ގުޅިގެން މިދިޔަ މަހު ބޭންކުން ވަނީ ބޭރުގެ މުއާމަލާތްތަކަށް ވަކި ލިމިޓްތަކެއް ކަނޑައަޅާފައެވެ.
ބީއެމްއެލް އިން މިދިޔަ މަހު ގެނައި ބަދަލާއެކު ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ކޮންމެ މީހަކަށް މަހަކު ކުރެވޭ މުއާމަލާތްތަކުގެ އަދަދު 30 އަށް ލިމިޓްކޮށް، މުޅި ރާއްޖެއަށް ދުވަހު ލިމިޓެއް ވެސް ވަނީ ކަނޑައަޅާފައެވެ. މި ފިޔަވަޅުގެ ސަބަބުން އެކި ހިދުމަތްތަކުގެ ސަބްސްކްރިޕްޝަން ފީތައް ނުދެއްކިގެން ގިނަ ބަޔަކު އަންނަނީ ޝަކުވާ ކުރަމުންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސަބްސްކްރިޕްޝަން ޕޭމަންޓުތައް 'ޑެއިލީ ފޮރިން ސްޕެންޑް' ލިމިޓްގައި ނުހިމެނޭނެ ކަމަށާއި އެފަދަ ޕޭމަންޓުތައް މަނާކޮށްފައި ނުވާނެ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ބައެއް މީހުންގެ ސަބްސްކްރިޕްޝަން ޕޭމަންޓުތައް މާޗަންޓުން ޑިކްލައިންކޮށްފައިވާ މައްސަލަ ފާހަގަވެފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ބޭންކުން ބުނި ގޮތުގައި މި މައްސަލަ މިހާރު އަންނަނީ ބަލަމުންނެވެ. "އެކި ސަބަބުތަކާ ހެދި ސަބްސްކްރިޕްޝަން ޕޭމަންޓްތައް ޑިކްލައިންވާ މައްސަލަ މި ގެންދަނީ ބަލަމުން. ސަބްސްކްރިޕްޝަން ޕޭމަންޓެއް ޑިކްލައިންވެއްޖެ ނަމަ އަޅުގަނޑުމެންނަށް ގުޅުއްވުމުން ވަގުތުން އެ މައްސަލައަށް ހައްލެއް ހޯދައިދޭނަން،" ބީއެމްއެލް އިން ބުނެފައިވެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވަނީ ބޭންކުގެ ލިމިޓްތަކަށް މި މަހުގެ ފަހުކޮޅުން ފެށިގެން ވަރަށް ބޮޑު ލުޔެއް ދޭނެ ކަމުގެ އިޝާރާތެއް ބީއެމްއެލް އިން ދީފައިވާ ކަމަށެވެ.




