ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ ތާރީހީ މުނާސަބަތާ ގުޅުވައިގެން، ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. މި މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރާ ރަބީއުލްއާހިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި މުހިންމު ދުވަސް ފާހަގަކުރުމަށް ބާއްވާ މަހާސިންތާއަށް މައްކާގެ މަސްޖިދުލްހަރަމްގެ އިމާމެއް ކަމަށްވާ ޝައިހު ޑރ. ޔާސިރް އައްދައުސަރީ އަށް މިހާރު ދައުވަތު ފޮނުވާފައިވާ ކަމަށެވެ.
މި މަހާސިންތާގައި ޖުމލަ 1,000 ޒުވާން އިމާމުންނާއި ހަތީބުންގެ އިތުރުން ޒުވާން ހާފިޒުން ބައިވެރިވާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ. އަތޮޅުތަކުގައި ތިބި ޒުވާން ހަތީބުން މި މަހާސިންތާގައި ބައިވެރިކުރުވުމަށްޓަކައި އެ ފަރާތްތައް މާލެ ގެނައުމުގެ އިންތިޒާމުތައް ވެސް ސަރުކާރުން ހަމަޖައްސާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ފާހަގަކުރެއްވި ގޮތުގައި މިހާރު ރާއްޖޭގައި 532 ޒުވާން ހަތީބުން އެބަތިއްބެވެ. އަދި ހާފިޒުންގެ ދަފްތަރުގައި 307 ހާފިޒުން ރަޖިސްޓްރީވެފައިވެއެވެ. މިނިސްޓްރީގެ އަމާޒަކީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރިން ޒުވާން ހަތީބުންގެ އަދަދު 1,000 އަށް އިތުރުކުރުމެވެ.
މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "ޒުވާން ހަތީބުން މިހާރުން ފެށިގެން މި މަހާސިންތާއަށް ތައްޔާރުވުމަށް އެދެން" މިނިސްޓަރު ވިދާޅުވިއެވެ.
މި މަހާސިންތާއަކީ ރާއްޖޭގެ ދީނީ ދައވަތު ފުޅާކުރުމަށާއި، މިސްކިތްތަކުގެ އިމާމުންނާއި ހަތީބުންގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.




