ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެމްޕެއިން ނިންމާލުމުގެ ބޮޑު ޖަލްސާ މިރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހިތަދޫ ސްކޫލްގައި މިރޭ 20:30 ގައި ފަށާ މި ޖަލްސާއަށްޓަކައި އެމްޑީޕީގެ އިސް ލީޑާޝިޕް މިހާރު ތިއްބެވީ އައްޑޫގައެވެ. އޭގެ ތެރޭގައި ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ހިމެނިވަޑައިގަންނަވައެވެ. ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު އިރުއޮއްސޭ ވަގުތުގައެވެ. މީގެ ކުރިން މާލޭގައި ބޭއްވި ސޯބެގެ ކެމްޕެއިން ޖަލްސާގައިވެސް ދެ ރައީސުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި އިންތިހާބުގައި ސޯބެއަށް ތާއީދު ކުރައްވާކަން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ހާމަކުރައްވާފައެވެ. އެމަނިކުފާނު ވަނީ ހިތަދޫ އުތުރު ދާއިރާގެ އެންމެހާ ރައްޔިތުން ސޯބެއަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ މި އިންތިހާބުގައި ސޯބެއާ ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އަހްމަދު ސައީދެވެ.
ސޯބެއަކީ ހިތަދޫ އުތުރު ދާއިރާގެ މަގުބޫލުކަން ބޮޑު ބޭފުޅެކެވެ. 2011 ވަނަ އަހަރު އައްޑޫ ސިޓީ ކައުންސިލަށް އެންމެ ފުރަތަމަ އިންތިހާބުވީވެސް މި ދާއިރާއިންނެވެ. އޭގެ ފަހުން ބޭއްވި ދެ އިންތިހާބުގައިވެސް ބޮޑު އަގުލަބިއްޔަތަކުން އޭނާ ވަނީ ގޮނޑި ދިފާއުކުރައްވާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. ޕީއެންސީގެ ޕްރައިމަރީގައި ސިނާން ކުރި ހޯއްދެވި ނަމަވެސް، ޕާޓީން ފަހުން ވަނީ ސައީދުއަށް ޓިކެޓު ހަވާލުކޮށްފައެވެ. ސިނާން ވިދާޅުވީ އިންތިހާބުގައި ވާދަނުކުރަން ނިންމެވީ ޕާޓީއަށް އެންމެ ފަހި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ.




