ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސަށް ބަދަލުތަކެއް ގެންނާނެކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ. ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅިގެން ރައީސް ފޮނުއްވި މެސެޖުގައި ވަނީ ދުންފަތް ކޮންޓްރޯލްކުރަން އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމާއި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރަން ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ޓެކުހާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުގެ ވެބްސައިޓުގައި މިވަގުތު ހާމަކޮށްފައި ނެތް ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ޕްރެސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ދުންފަތުގެ އިމްޕޯޓް ޑިއުޓީއަށް އެންމެ ފަހުން ބަދަލު ގެނައީ ނޮވެމްބަރު 2024 ގައެވެ. އެ ފަހަރު ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ 8 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތައް ކޮންޓްރޯލް ކުރުމުގައި ސަރުކާރުން ހަރުދަނާ ގިނަ ފިޔަވަޅުތަކެއް މިހާތަނަށް ވެސް ތަންފީޒުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އީ-ސިގިރޭޓް މަނާކުރުމާއި ޖެނެރޭޝަން ބޭން ތަންފީޒުކުރުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދުންފަތުގެ ސަބަބުން ކުރިމަތިވާ ސިއްހީ މައްސަލަތަކުގެ އިތުރުން އިޖުތިމާއީ އަދި އިގްތިސޯދީ މައްސަލަތަކަކީ ގައުމުގެ ތަރައްގީއަށް ހުރި ގޮންޖެހުންތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. "ދުންފަތުގެ ވަބާއިން އާއްމުން ރައްކާތެރި ކުރުމަށާއި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ތަކެތި ޒުވާނުންނަށް މާކެޓްކުރަން ބޭނުންކުރާ އުކުޅުތަކާ ދެކޮޅަށް ސަރުކާރުތަކުން މަސައްކަތްކުރުމަކީ މުހިއްމު ކަމެއް،" ރައީސްގެ މެސެޖުގައިވެއެވެ.
މީގެ އިތުރުން، ފްލޭވާޑް ނިކޮޓީން ޕައުޗާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުން މިހާރު ފުޅާވެފައިވާތީ، އެކަމާ ދެކޮޅަށް މަސައްކަތްކުރަން ރައީސް ވަނީ ގޮވާލައްވާފައެވެ. ސަރުކާރުގެ އަމާޒަކީ ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުތައް ހަރުދަނާކޮށް، ޓެކުހާއި އަގަށް ގެނެވޭ ބަދަލުތަކުގެ އެހީގައި ދުންފަތުގެ ބޭނުންކުރުން މަދުކުރުމެވެ.




