ސަރުކާރުގެ ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ އައި.ޖީ.އެމް.އެޗު.ގައި މިއަދު ހުޅުވައިފިއެވެ.
"ސްޓޭޓްފާމާ އައި.ޖީ.އެމް.އެޗް ފާމަސީ"، ގެ ނަމުގައި މި ފާމަސީ ހުޅުވާފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ އޯ.ޕީ.ޑީ ސަރަހައްދުގައެވެ.
ބޭސް ކުންފުނީގެ ފުރަތަމަ ފާމަސީ ހުޅުވައިދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ހަލީމްއާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހު މާހިރުއެވެ.
ސްޓޭޓްފާމާއިން ވިދާޅުވީ ބޭސްފަރުވާގެ ޚިދުމަތްތައް ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ނެތި، ކޮންމެ ވަގުތަކުވެސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްޓަކައި، މި ފާމަސީއަކީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމަށެވެ. މި ފާމަސީއިން ބޭސް ސިޓީތަކަށް ބޭސް ދޫކުރުމާއި، އާންމުކޮށް ވިއްކާ ބޭސްތައް ލިބުމުގެ އިތުރުން، ރާއްޖެއިން ބޭރުން ބޭސް ހޯދައިދިނުމުގެ ޚާއްޞަ އިންތިޒާމުތައްވެސް ވަނީ ޤާއިމްކޮށްފައެވެ.
ސްޓޭޓްފާމާގެ މައިގަނޑު އެއް އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. "ކޮންމެ ރަށަކަށް، ކޮންމެ ރައްޔިތަކަށް" މި ޝިއާރުގެ ދަށުން އެ ކުންފުނިން ދަނީ، ރައްޔިތުންގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެސްޓީއޯގެ ދަށުން ބޭސް އެތެރެކުރުމުގެ މަސައްކަތް ކުރަމުންދިޔަނަމަވެސް މިދިޔަ އެޕްރީލް މަހުން ފެށިގެން އެ މަސައްކަތް ބޭސް ކުންފުނިން ވަނީ މަޑުމަޑުން ކުރަން ފަށާފައެވެ. އަދި މިއަހަރުގެ މެދުތެރޭގައި އެ މަސައްކަތް އެއްކޮށް ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.
ދިވެހި ރައްޔިތުންނަށް ބޭސް ލިބުމުގައި ހުރި ދަތިތައް ޙައްލު ކުރުމުގެ ގޮތުން ސްޓޭޓް ފާމަސޫޓިކަލްސްއިން ވަނީ، ހޮޓްލައިން ނަންބަރެއްވެސް ތަޢާރަފްކޮށްފައެވެ. ދައުލަތުގެ ބޭސް ކުންފުނިން ތަޢާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ، 1505 އެވެ. މިއީ، 24 ގަޑިއިރު ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ޚިދުމަތް ލިބޭ ގޮތަށް ތައާރަފް ކޮށްފައިވާ ނަންބަރެކެވެ.




