މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމައި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ ސިޔާސަތުތައް އެކުލަވައިލާ ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ދައުލަތުގެ މަސް ކުންފުނި މިފްކޯއަށާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ހަނގުރާމައިގެ ސަބަބުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ސަރުކާރުން އަންނަނީ އެ ގޮންޖެހުންތައް ކުޑަކޮށްދިނުމުގެ ގޮތުން އެ ވިޔަފާރިތަކަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމަކީ ކޮބައިތޯ ބަލައި އެ އެހީތެރިކަން ފޯރުކޮށްދެމުންކަން ފާހަގަކުރައްވައި، ހުޅުމާލޭގައި މަސް ޕްރޮސެސްކުރާ ތަންތަަން ހިންގާ ކުންފުނިތަކަށް ހިންގުމުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ ރަށްރަށުގައިވެސް ބައެއް ކުންފުނިތަކުން ޕްރޮސެސްކުރާ ތަންތަން ހިންގަމުންދާ ކަމަށާއި، އެތަންތަނަށްވެސް ހަމަޖައްސައިދެވޭނެ ލުއިތައް ފަހިކޮށްދިނުމަށް ކައުންސިލުތަކާއެކު މަޝްވަރާކޮށްގެން ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރަށް ވަޒީރު ވިދާޅުވީ މަސް ބޭރުކުރާ ކުންފުނިތަކަށް މަސް ބޭރުކުރުމުގައި ފްރައިޓުގެ އަގު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެފައި ހުރި ދަތިތަކާއި، ލޮޖިސްޓިކްސް ހަރަދުތައް ބޮޑުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ.




