ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި ފަށައިފިއެވެ.
މި ޚިދުމަތް ތަޢާރަފުކުރުމާ ގުޅިގެން، މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވަނީ އެކްސްގައި މައުލޫމާތު ޚިއްޞާކުރައްވާފައެވެ.
ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ އޮޕެރޭޝަން ތަކުގެ ތެރެއިން 4 ވައްތަރެއްގެ އޮޕެރޭޝަން 17 މެއި 2026 އިން ފެށިގެން ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ވަސީލަތްތައް މިހާރު ވަނީ މި ދެ ހޮސްޕިޓަލުގައި ގާއިމްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ފައިގެ ލޭނާރުތައް ދުޅަވެ ގޮށްޖެހުމުން ކުރާ އެންޑޯވީނަސް ލޭޒަރ ޓްރީޓްމެންޓް (އީވީއެލްޓީ) އާއި، ފުރަގަސްފަރާތުގެ ބަލި ނުވަތަ ޕައިލްސްއަށް ކުރާ ލޭޒަރ ހެމޮރޮއިޑޯޕްލާސްޓީއެވެ.
މި ހޮސްޕިޓަލާއި އަދި ދަރުމަވަންތަ ހޮސްޕިޓަލުން ޒަމާނީ ލޭޒަރ ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށުން
މި އޮޕެރޭޝަންތަކުގެ ސަބަބުން ބަލިމީހުންނަށް ލިބޭނެ ފައިދާ ތަކަކީ:
• ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވި ބަލި ރަނގަޅުވުން
• ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހުން ނުވަތަ… pic.twitter.com/HwzxZt8fMm— IGMH (@igmhmv) May 18, 2026
މީގެ އިތުރުން ފުރަގަސްފަރާތުގައި އުފެދޭ ދޮސް އަންނަ މަގު ނުވަތަ އެނަލް ފިސްޓުލާއަށް ކުރާ ފިސްޓުލާ ޓްރަކްޓް ލޭޒަރ ކްލޯސަރ (ފިލަކް) އޮޕެރޭޝަނާއި، ޕައިލޯނީޑަލް ސައިނަސްއަށް ކުރާ ސައިނަސް ލޭޒަރ ކްލޯޒަރ (ސިލަކް) އޮޕެރޭޝަން ވެސް މިހާރު ލޭޒަރ ޓެކްނޮލޮޖީގެ އެހީގައި ކުރެވޭނެއެވެ.
މި އައު ޚިދުމަތްތަކުގެ ސަބަބުން ބަލިމީހުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވުމާއި، ތަދުވުން ކުޑަވެ ބަލިމީހާ އަވަހަށް ފަސޭހަވުން ހިމެނެއެވެ. އަދި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ބާއްވަންޖެހޭ މުއްދަތު ކުރުވެ، އިންފެކްޝަންވުމުގެ ފުރުޞަތު ނިސްބަތުން ކުޑަވެގެންދާނެ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވަނީ ރައްޔިތުންނަށް ލުއިފަސޭހަ އަދި ކުރިއަރާފައިވާ ޞިއްޙީ ފަރުވާގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އިސްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޚިދުމަތް ތައާރަފުކުރުމުގައި ސާޖަރީ ޓީމާއި އެހެނިހެން މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތުގެ އަގު ވަނީ ވަޒަންކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރު ހަރުފަތަކަށް ގެންދިއުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، ޒަމާނީ ލޭޒަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރާ އޮޕެރޭޝަންތައް ދަރުމަވަންތަ ހޮސްޕިޓަލާއި އައި.ޖީ.އެމް.އެޗްގައި މިއަދު ފަށައިފި.
ޑިޕާރޓްމެންޓް އޮފް ސާޖަރީގެ ޖެނެރަލް ސާޖަރީ ޓީމުން ކުރާ… pic.twitter.com/3nvMokypN7— Haleem (@22halex) May 18, 2026
މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ދިވެހި ޞިއްޙީ ދާއިރާ އާ އުސްމިންތަކަކަށް ގެންގޮސް، ރައްޔިތުންނަށް އޯގާތެރި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމެވެ.




