ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު ހޮހޮޅައިގެ ތެރެއިން ފެނިއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު ހަތަރު ޓޫރިސްޓުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީގެ ސަރުކާރުން ފޮނުވި ބޭރުގެ ޑައިވަރުން ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓްކުރެވިފައިވާ ކަމަށެވެ.
ގެއްލުނު ހަތަރު ޑައިވަރުންގެ ހަށިގަނޑު ފެނިފައި ވަނީ އެމީހުން ޑައިވް ކުރި ހޮހަޅައިގެ ތެރެއިން ކަމަށާއި ކުރިއަށް ހުރި ޑައިވްތަކުގައި އެމީހުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގެ ބޮޑު އޮޕަރޭޝަން ދެ ދުވަހުގެ މެދުކެނޑުމަކަށް ފަހު ފެށީ މިއަދު އެވެ.
މި އޮޕަރޭޝަން އަލުން މި ފެށީ، ރާއްޖޭގެ ރެސްކިއު ޓީމާއި، މިކަމަށް ޚާއްސަކޮށް ރާއްޖެ އައިސްފައިވާ ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުންގެ ޓީމާ ދެމެދު އިއްޔެ ކުރެވުނު މުހިންމު މަޝްވަރާތަކަށް ފަހު އެވެ.
މިދިޔަ ހޮނިހިރު ދުވަހު ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނިޔާވުމާ ގުޅިގެން އޮޕަރޭޝަން މެދުކަނޑާލުމަށްފަހު އަލުން ފެށިއިރު، ދިވެހި ޑައިވަރުންގެ ސަލާމަތަށް ވަނީ ވަރަށް ބޮޑަށް ވަނީ އިސްކަންދީފައި ކަމަށް ސަރުކާރުން ބުންޏެވެ.




