ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ހާލަތު މޮނިޓާ ކުރަމުން އަންނަ ކަމަށް ރާއްޖޭގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ކަމާގުޅުންހުރި ފަރާތްތަކާ އެކު މިވަގުތުގެ ހާލަތު ދިރާސާކުރަމުންދާކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބެމުންދާވަރަކަށް މީޑިއާތަކާ މައުލޫމާތު ހިއްސާކުރާނެކަމަށް ވެސް ބުންޏެވެ.
މި ބަލިމަޑުކަމަކީ ބަންޑިބުގްޔޯ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބައްޔެކެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 246 މީހަކު ފެނިފައި ވެއެވެ. ބަލި ޖެހިގެން 80 މީހުން މަރުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައި ވެއެވެ.
— World Health Organization (WHO) (@WHO) May 17, 2026
މިއީ 1976 ވަނަ އަހަރު މި ވައިރަސް ފުރަތަމަ ފެނުނު ފަހުން ކޮންގޯގައި ރިޕޯޓުކުރެވުނު 17 ވަނަ އެބޯލާ އައުޓްބްރޭކެވެ.
މިހާރު މި ބަލި ވަނީ ކޮންގޯގެ ބޯޑަރު ހުރަސްކޮށް ޔުގެންޑާއަށް ފެތުރިފަ އެވެ. އެގައުމުގެ ކަމްޕާލާއިން ބަލި ޖެހިފައިވާ މީހުން ފެނިފައިވެއެވެ. އަދި ކޮންގޯގެ ވެރިރަށް ކިންޝާސާ އިން ވެސް ބަލި ޖެހިފައިވާ މީހަކު ފެނިފައިވެއެވެ.
މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފައިވާއިރު ބަލި ހުރިތޯ ބެލުމަށް ހަދަމުން އަންނަ ފުރަތަމަ ޓެސްޓުތަކުގެ ނަތީޖާ ޕޮޒިޓިވްވާ މިންވަރު ދަނީ މަތިވަމުން ނެވެ. އަދި ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުން ނެވެ. އެބޯލާގެ އެހެން ބާވަތްތަކާ ހިލާފަށް، ބަންޑިބުގްޔޯ ވައިރަހަށް ހާއްސަ ފަރުވާއެއް ނުވަތަ ވެކްސިނެއް މިހާތަނަށް ހޯދިފައެއް ނުވެ އެވެ.




