މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކުރި ކައުންސިލަރުން މިއަދު ހުވާކުރައްވައިފިއެވެ.
އާ ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބޭއްވީ މިހާރު ތިއްބެވި ކައުންސިލަރުންގެ ފަސް އަހަރުގެ ދައުރު ހަމަވާ ދުވަހަކީ މިއަދު ކަމަށް ވާތީއެވެ.
މާލޭގެ އިތުރުން ހުރިހާ ރަށެއްގައި ވެސް ކައުންސިލަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އާ މެމްބަރުން އިގުރާރުގައި ސޮއިކުރެއްވުން އޮތެވެ.
މާލޭގައި އެ ރަސްމިއްޔާތު ބޭއްވީ ސޯޝަލް ސެންޓަރުގެ ހޯލްގައެވެ.
މާލެ ސިޓީ ކައުންސިލުގެ ފަސް ވަނަ ދައުރަށް ހުވާކުރުމުގެ ރަސްމިއްޔާތު https://t.co/vNS4O7o0nl
— Malé City Council (@MaleCitymv) May 17, 2026
މި ބޭފުޅުންނަށް ހުވާލައިދެއްވީ ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ޝަނީޒް އަބްދުﷲ އެވެ. ހުވާކުރުމަށް ފަހު މޭޔަރާއި ކައުންސިލަރުން ވަނީ ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ.
މިފަހަރު ކައުންސިލްތަކަށް 681 މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހޮވި 681 މެމްބަރުންނާ އެކު ދެ އިންތިހާބުގައި ޖުމްލަ 1،362 މެމްބަރުން ވަނީ ހޮވައިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އޭޕްރީލް 19 ގައި ދީފައިވާ މައުލޫމާތުގައިވާ ގޮތުން މިދިޔަ މަހުގެ 4 ގައި ބޭއްވި އެ އިންތިހާބުގައި ޕީއެންސީއަށް ކައުންސިލްތަކުން ލިބުނީ 280 ގޮނޑި އެވެ. އެއީ ސިޓީ ކައުންސިލްތަކުން ފަސް ގޮނޑި އާއި ރަށު ކައުންސިލްތަކުގެ ރައީސްގެ 75 ގޮނޑި އާއި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ ތެރެއިން 101 ގޮނޑި އަދި އާންމު ގޮނޑީގެ 99 ގޮނޑިއެވެ.




