މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ފާސްކޮށްފި އެވެ.
ޖަލްސާގައި 263 މެމްބަރުން ބައިވެރިވި އެވެ. އޭގެ ތެރެއިން 87 މެމްބަރުން ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވި އިރު 176 މެމްބަރުން ވަނީ ޖަލްސާ އޮތް ދޫސިތު ޑީ2 ފޭދޫ މޯލްޑިވްސް އަށް ހާޒިރުވެ ބައިވެރިވެފަ އެވެ.
މިއީ 25 އަހަރު ކުރިން ހިއްސާ ވިއްކައި ޕަބްލިކް ކުންފުންޏަކަށް ބަދަލުވި އެސްޓީއޯގެ ފަހުގެ ތާރީހެއްގައި ބަހާ އެންމެ ބޮޑު ހިއްސާގެ ފައިދާ އެވެ. އަދި މިއީ އެ ކުންފުނިން މިދިޔަ އަހަރު ބެހި 80ރ. އަށް ވުރެ 5ރ. އިތުރު އަދަދެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑިން ކުންފުނި، އެސްޓީއޯ ގްރޫޕަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.7 ބިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި އާމްދަނީގެ ގޮތުގައި 15.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާ އެކު ފައިދާގެ ގޮތުގައި 785 މިލިއަން ރުފިޔާ ލިބުނު އިރު އެ ކުންފުންޏަށް އެކަނި ފައިދާގެ ގޮތުގައި 763 މިލިއަން ރުފިޔާ ލިބިފަ އެވެ.




