މިއަހަރުގެ ބަރަކާތްތެރި ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. ސަޢޫދީ އެއަރލައިންސްގެ ފްލައިޓެއްގައި ފުރި މި ފުރަތަމަ ގްރޫޕުގައި ޖުމްލަ 238 ޙައްޖުވެރިން ހިމެނެއެވެ.
ރާއްޖެއަށް މިއަހަރު ލިބިފައިވާ ރަސްމީ 1000 ކޯޓާގެ ދަށުން ޙައްޖުވެރިން އުފުލުމަށް ޖުމްލަ ހަތަރު ފްލައިޓެއް ވަނީ ތާވަލުކުރެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ ސަޢޫދީ އެއަރލައިންސްގެ ދެ ފްލައިޓާއި، ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގެ ދެ ފްލައިޓެވެ. މިއަދު ފުރި ފުރަތަމަ ގްރޫޕަށްފަހު، ދެން ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17، 18 އަދި 19 ވަނަ ދުވަހުއެވެ.
Minister of Islamic Affairs and Endowments Dr. Mohamed Shaheem Ali Saeed, together with the Ambassador of the Kingdom of Saudi Arabia to the Maldives, His Excellency Yahya Hassan Al-Qahtani, bid farewell to the first batch of Maldivian Hajj pilgrims departing for Hajj 1447 AH. pic.twitter.com/BUaMPQNaNn
— Ministry of Islamic Affairs & Endowments (@MVIaffairs) May 15, 2026
ފްލައިޓްތަކުގެ ތަފްޞީލަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 257 ޙައްޖުވެރިން، 18 ވަނަ ދުވަހު ސަޢޫދީ އެއަރލައިންސްގައި 267 ޙައްޖުވެރިން، އަދި 19 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓުގައި 256 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕް ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޙައްޖުވެރިންނަށް ޚިދުމަތް ދިނުމަށް ވެފައިވާ ތައްޔާރީތައް، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އިސްވެ ބައްލަވާލައްވާފައެވެ.




