ވ. އަތޮޅުގައި ދަތުރުކުރަމުންދިޔަ ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން ހޯދަނިކޮށް، އެކަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވ. އަތޮޅުގައި އޮތް ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރުފަހު 13:45 އެހައިކަންހާއިރުއެވެ.
މި މައުލޫމާތު ލިބުމާއެކު އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ.
އެމީހުން ހޯދުމަށް ކުރި މަސައްކަތުން، ގެއްލުނު ފަސް މީހުން ގެ ތެރެއިން އެކަކު މިހާރު ފެނިފައިވާ ކަމަށާއި، ނަމަވެސް ފެނުނުއިރު އޭނާ މަރުވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، އިތުރު މައުލޫމާތު ލިބެމުންދިޔަ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.




