އޮޕަރޭޝަން ކުރަނގިއަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އޮޕަރޭޝަން ކުރަނގިއަކީ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތައް ހިމާޔަތްކުރާ އޮޕަރޭޝަނެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަށް އަދަބު ދިނުމުގެ ގޮތުން ހިންގާ އޮޕަރޭޝަނެއް ނޫން ކަމަށެވެ.
އަދި އެ ބިދޭސީންގެ ޙައްގުތައް ހިމާޔަތްކުރަން މި މައުލޫމާތު ސަރުކާރުގައި ހުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ މިހާތަނަށް ދުވަހަކުވެސް ރާއްޖޭގައި ކޮށްފައިނުވާ ވަރުގެ މަސައްކަތެއް. އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު ނެގިފައި ހުރީ އެންމެ 13 އިންސައްތަ މީހުންގެ. އެހެންނަމަވެސް މި ސަރުކާރުގެ 2 އަހަރާއި ބައިގެ ތެރޭގައި 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ވަނީ ނަގާފަވަނީ. އަޅުގަނޑުމެން މި ގެންދަނީ މީހުންނަށް އަދަބު ދޭ އޮޕަރޭޝަނެއް ނޫން. މިއީ ހައްގުތައް ހިމާޔަތް ކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެއް'' ރައީސް ވިދާޅުވިއެވެ.
ބިދޭސީންގެ ހައްގުތައް ހިމާޔަތް ކުރެވޭނީ ބިދޭސީ މީހާއަކީ ކާކުކަން އެނގި އަދި އެ މީހާ އުޅެނީ ކޮންތާކުކަން ސާފުވެގެންކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ބިދޭސީންގެ ކަންކަން މީގެ ކުރީގައި ކޮށްފަ އޮތީ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ކަމަށާއި ސަރުކާރުން މަސައްކަތް ކުރާނީ ވަށައިޖެހޭ ގޮތަށް ކަމަށެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު ނަގާފައިވާ ބިދޭސީންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ މަސައްކަތްވެސް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވަނީ ޑީޕޯޓްކުރަންޖެހޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވެފައެވެ.




