2025 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބޭންކް ފަންޑް ކާމިޔާބުކުރި ފައުންޑޭޝަން އޮފް އޭދަފުށި ޔޫތު ލިންކޭޖް (ފޭލި) އިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީކޮށް، ޑިޖިޓަލް ސްޓޫޑިއޯއެއް ގާއިމުކޮށްފިއެވެ.
ބީއެމްއެލް އިން ހާމަކުރި ގޮތުގައި މި ދެ ކްލާސްރޫމް ފަރުމާކޮށްފައިވަނީ ދަރިވަރުންގެ ޕްރެކްޓިކަލް ސްކިލްސް އާއި އުފެއްދުންތެރިކަން ކުރިއަރުވައި، ޒަމާނީ ވަސީލަތްތަކާއެކު ޓްރެއިނިންގ ފޯރުކޮށްދީ ދަރިވަރުންގެ މަސައްކަތްތެރިކަން ހަރުދަނާ ކުރުމަށް އެންމެ އެކަށީގެންވާ ގޮތަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން ބުނީ މި ސްކޫލުގައި ގާއިމުކުރި ޑިޖިޓަލް ސްޓޫޑިއޯ ފަރުމާކޮށްފައިވަނީ ޑިޖިޓަލް ކެމެރާތަކާއެކު ފުރިހަމަ ޕްރޮޑަކްޝަން ސެޓަޕެއްގެ ގޮތުގައި ކަމަށާއި، މި ސްޓޫޑިއޯގައި ސްކޫލުގެ ދަރިވަރުންނަށް ފޮޓޯގްރަފީ، ވީޑިއޯގްރަފީ އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަންއާ ގުޅޭ ޓްރެއިނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި މި ޕްރޮޖެކްޓްގެ ދަށުން ފޭލި ޖަމިއްޔާއިން ވަނީ މި ސްކޫލުގައި ކުރިން ހިންގަމުން ދިޔަ ވޮކޭޝަނަލް ޓްރެއިނިންގ ލެބް އިތުރަށް ތަރައްގީ ކޮށްދީފައެވެ. އެގޮތުން މި ތަނުގައި ކާޕެންޓްރީ ބައެއް ހިމަނައި، މިތަން ފަރުމާކޮށްފައިވަނީ ބޭނުންވާ ވަޑާން ސާމާނާއި ބެޓެރީ ޕަވާޑް އިލެކްޓްރިކް ޓޫލްތަކާއި ސަލާމަތީ އިކުއިޕްމެންޓްވެސް ހިމަނައިގެން ކަމަށާއި، މި ލެބްގައި ފެހުމުގެ ބައެއް ތަރައްގީކޮށް، މިތަން ފަރުމާކޮށްފައި ވަނީ ފަހާފޮށިތަކާއި ފެހުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީގެން ކަމަށްވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނީ ވޮކޭޝަނަލް ލެބްގެ ހަރަކާތްތަކަށް ދަރިވަރުންނަށް ބޭނުންވާ ޓްރެއިނިންގ ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކް ފަންޑަކީ ރާއްޖޭގައި ރަޖިސްޓަރކޮށްގެން ހިންގާ ޖަމިއްޔާ ޖަމާއަޔްތަކަށް މުޖުތަމަޢުގެ ކުރއެރުމަށް އެކިއެކި ޕްރޮޖެކްޓްތައް ހިންގުމަށް ކޮންމެ އަހަރަކު ހުޅުވާލާ ގްރާންޓެކެވެ. މި ގްރާންޓުން ހޮވޭ 5 ޖަމިއްޔާއަކަށް ޕްރޮޖެކްޓްތައް ހިންގުމަށް 200،000 ރުފިޔާގެ އެހީ ބޭންކުން ފޯރުކޮށްދެއެވެ.




