ލ. އިސްދޫގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، އިސްދޫގައި ބިނާކުރާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ އަމަލީ މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ކުރަމުންދަނީ ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް ޖުމްލަ 19,612,765.07ރ. ހަރަދުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
365 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މިސްކިތަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު ބިނާކުރާ ޒަމާނީ މިސްކިތެކެވެ.
އިސްދޫގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާއިރު، މި މިސްކިތް ނިމުމުން އެ ރަށުގެ ރައްޔިތުންނަށް ނަމާދުކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.




