ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އިލެކްޓްރޯނިކް ޑާންސް މިއުޒިކް (އީޑީއެމް) ފެސްޓިވަލް މި މަހުގެ 11 އިން 16 އަށް ބޭއްވުމަށް ހަމަޖެހިއްޖެއެވެ. މި ފެސްޓިވަލް އިންތިޒާމުކުރަނީ އޮސްޓްރޭލިޔާ އަދި ނިއުޒިލޭންޑަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު އިވެންޓް އޮގަނައިޒަރެއް ކަމަށްވާ "ޔުއަރ ޕެރެޑައިސް" އިންނެވެ.
މި ބޮޑު މިއުޒިކް ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އަވަނީ ފަރެސް މޯލްޑިވްސް ރިސޯޓުގައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިފަދަ އިވެންޓެއް މިހާ ފުޅާކޮށް ދާއިރާއެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
މި އިވެންޓުގައި ދުނިޔޭގެ އެކި ގައުމުތަކުން ވިއްސަށްވުރެ ގިނަ މަޝްހޫރު ޑީޖޭ އިން ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ބައިނަލްއަގުވާމީ ފަންނާނުންގެ އިތުރުން، ރާއްޖޭގެ ބައެއް ފާހަގަކޮށްލެވޭ ހުނަރުވެރި ފަންނާނުންވެސް މި ފެސްޓިވަލްގައި އެމީހުންގެ ހުނަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށްވެސް ވަނީ ހުޅުވާލާފައެވެ. އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ޓިކެޓް މިހާރު ވިއްކަން ފަށާފައިވާ ކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.




