މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، އަލްފާޟިލާ ގީލާ ޢަލީ، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ އެގްޒެކެޓިވް ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ އެކަމަނާ މި މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އާއެކު ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، ޚިދުމަތް ދިނުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، މުޖުތަމައުގެ ބޭނުންތަކަށް އިސްކަންދީ، ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފަސޭހައިން ލިބިދެވޭނެ ފަދަ ޞިއްޙީ ނިޒާމެއް ބިނާކުރުމަށްޓަކައި، އެއް އަމާޒަކަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އަބަދުގެވެސް މަޤްޞަދަކީ، މުޖުތަމައުގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.







