މާރިޗު މަހުގެ ކަރަންޓު ބިލުގެ ރީޑިންގ ނެގުމުގައި ޢަމަލުކޮށްފައިވާނީ އެހެން މަސްތަކެކޭވެސް އެއްގޮތަށް ކަމުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާރިޗު މަހުގެ ރީޑިންގ ނެގުމުގައާއި، ކަރަންޓު ބިލު ތައްޔާރު ކުރުމުގައި އެ ކުންފުނިން ޢަމަލުކޮށްފައިވާނީ އާންމު އެހެން މަސްމަހުގައިވެސް ޢަމަލު ކުރަމުންދާ އުސޫލުން ކަމަށާއި، އެއީ ޤާނޫނާއި ގަވާއިދުތަކުން ކަނޑައެޅި، އާންމު ކުރެވިފައި އޮންނަ އުސޫލެއް ކަމަށެވެ.
ފެނަކައިން ބުނީ އެ އުސޫލާ ޚިލާފަށް، އެ ކުންފުނިން ޚިދުމަތް ދެމުންދާ އެއްވެސް ފަރާތެއްގެ ބިލެއް ތައްޔާރުކޮށް، ބިލަށް އުނި އިތުރެއް ގެނެސްފައި ނުވާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
މީގެ އިތުރުން ފެނަކައިން ބުނީ އެ ކުންފުނިން ތައްޔާރުކޮށްފައިވާ އެއްވެސް ބިލެއްގައި މައްސަލައެއް އުޅޭ ކަމަށް ޝައްކު ކުރެވިގެން ރީޑިންގ އިތުރަށް ޗެކުކުރަން ބޭނުންވެއްޖެނަމަ، އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.
އަދި، ކޮންމެ އަހަރެއްގެ ވެސް މާރިޗު، އެޕްރީލް އަދި މޭ މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނަ އަދަދަކަށް ކަރަންޓު ބޭނުންކުރެވޭ ދުވަސްވަރުކަމުން، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ފެނަކައިން ވަނީ ހަނދުމަކޮށްދީފައެވެ.






