މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ކިންގް މުޙައްމަދު 6 އިންޓަރނޭޝަނަލް ޕްރައިޒް ފޮރ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރުއާން ގެ 20 ވަނަ އެޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ 2026 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 10ވަނަ ދުވަހު މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށާއި، މިގޮތުން މުބާރާތުގެ 2 ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވާ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުޠުތަކުގެ ތެރޭގައި ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުމާއި، ދިވެހި ރައްޔިތަކަށްވުމާއި، ކުރީގައި މި މުބާރާތުގައި ބައިވެރިވެ 1ވަނަ ލިބިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ދެ ކެޓަގަރީއަކުންނެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 9ވަނަ ފޮތާއި 10ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި އަދި ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތާއި ބައި ފޮތް) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައެވެ.
މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައި ކަމަށާއި، އުމުރުން 18 އަހަރު ނުވާ ބައިވެރިއެއް، ނުވަތަ އަންހެން ބައިވެރިއެއް ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 5 މޭ 2026 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޫގުލް ފޯމު ފުރިހަމަކުރެއްވުމަށް އެ މަރުކަޒުން ވަނީ އެދިފައެވެ.






