ޔޫއެންއޯޑީސީން ހަދިޔާ ކޮށްފައިވާ ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ހަވާލުކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ މިދިޔަ ޖެނުއަރީ މަހު ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެއް ކަމަށާއި، ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓް ކަމަށެވެ.
މީގެއިތުރުން ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ.
ހޯމް މިނިސްޓްރީން ހާމަކުރި ގޮތުގައި މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ހަވާލުކޮށްފައެވެ. މީގެ އިތުރުން 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.
މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެއް ކަމަށާއި، މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ސައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އަދި މި ޓެސްޓް ކިޓުތަކަކީ، އާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެއް ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ކަސްޓަމްސް އާއި ފުލުހުންނަށް މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ، ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ.
ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ޚާއްސަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެންް ގޮތްތަކެއް ހޯދަން ޖެހިފައިވާކަން އެކްޓިން ސީއީއޯ ފާހަގަކުރެއްވިއެވެ.







