ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް، އެ އެޖެންސީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މިހާތަނަށް ހުންނެވި އިބްރާހީމް ނިޝާން އިބްރާހީމް މިއަދު އައްޔަންކުރައްވައިފިއެވެ.
އެޗްޕީއޭގެ އާ ޑިރެކްޓާ ޖެނެރަލްގެ މަގާމާ މިއަދު ހަވާލުވެވަޑައިގަތް ނިޝާން އަކީ އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވި ބޭފުޅާއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިންގުމުގެ އެންމެ އިސް ޒިންމާ އޮންނަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތައް އިއުލާނުކުރުމާއި، އެފަދަ ހާލަތްތަކުގައި އާންމުންގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބާރު ގާނޫނުން ދީފައިވަނީ މި މަގާމުގައި ހުންނަވާ ބޭފުޅަކަށެވެ.






