ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް އޯޕީޑީ މާދަމާ ބަންދުވާނެ ކަމުގައި އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުން ނެރުނު ޚާއްޞަ ދެންނެވުމެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށްވާ 5 އަދި 6 އެޕްރީލް 2026 ގެ ތެރެއިން، 6 އެޕްރީލް 2026 ވާ ހޯމަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް އަދި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ބަންދުވާނެ ކަމަށެވެ.
ނަމަވެސް މި ދެ ދުވަހުވެސް އައިޕީޑީ އާއި އިމަޖެންސީގެ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
މިއަދާއި މާދަމާ އަކީ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖެއްސެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓުލުން އިއްޔެ އޮތުމާއެކު، އިންތިޚާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ، އެޕްރީލު މަހުގެ 5 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ އެވެ.
އަދި، އިންތިޚާބަށް ފަހުގައިވެސް، އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާތީ، އެޕްރީލު 6 ވާ ހޯމަ ދުވަސް ވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.






