ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ޒޯން 4 ގެ ލ. އަތޮޅުގައި، މިއަދު ފަށައިފިއެވެ.
.ލ ފޮނަދޫގައި މިކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތުގައި އެ އަތޮޅަށް އާރްޓީއެލް ފެރީ ޚިދުމަތް ރަސްމީކޮށް. އިފްތިތާޙްކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޢާރިޤް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ޑެޕިޔުޓީ ހައި ކޮމޝަނަރ އޮފް އިންޑިއަން ހައިކޮމިޝަން މިސްޓަރ ކުމާރު ޤައުރަވްއާއި، ލ އިސްދޫ ދާއިރާގެ މަޖިލިސް މެންބަރު، އިސްމާއީލް ޝަފީއުއާއި ލ މާވަށު ދާއިރާގެ މަޖްލިސް މެންބަރު، އަޙްމަދު ޝާކިރުއާއި، އެމްޓީސީސީގެ ޗެއާމަން މުޙައްމަދު އަފީފް ހުސައިންއާއި، އެމްޓީސީސީގ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޖަމްޝީދުއާއި، ލ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންނާއި އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ "އަހުލުވެރިކަމުގެ ދަތުރު" ތަކުގެ ނަމުގައި 1 އޭޕްރީލް އިން ފެށިގެން 7 އޭޕްރީލްގެ ނިޔަލަށް އެއް ހަފުތާގެ މުއްދަތަށް އާރްޓީއެލް ފެރީ ދަތުރުތައް ކަސްޓަމަރުންނަށް ކޮށްދިނުމަށް ހަމަޖެހިފައިވަނީ މުޅީން ހިލޭ ކަމަށެވެ. އަދި ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަޤުޞަދަކީ ކަސްޓަމަރުން ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، މި ޚިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް ދިނުމާއެކު ކަސްޓަމަރުންގެ ޚިޔާލާ އެއްގޮތަށް ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތް ހަރުދަނާކުރުން ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ބުނީ މި މުއްދަތުގައި ދަތުރުކުރެއްވުމަށް ޖާގަ ހޯއްދެވުމަށް ގުޅުއްވާނީ އެ ރަށެއްގެ ރަށު ކައުންސިލަށް ކަމަށެވެ.
މީގެ އިތުރުން 8 އޭޕްރީލް 2026 އިން ފެށިގެން ޒޯން 4 ގެ ލ. އަތޮޅުގެ އާރްޓީއެލް ފެރީ ޚިދުމަތުން ފައިސާ ނެގުމަށްް ހަމަޖެހިފައިވާ ކަމަށާއި، ރަސްމީކޮށް އަގު ނަގައިގެން، ޚިދުމަތް ފެށުމާއެކު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެ.
އަދި އެދުވަހުން ފެށިގެން ކަސްޓަމަރުން ޓިކެޓް ބައްލަވައިގަތުމަށް ބޭނުންކުރައްވާނީ އެމްޓީސީސީގެ ވެބްސައިޓް ނުވަތަ އާރްޓީއެލް ޓްރެވެލް އެޕެވެ.
އެމްޓީސީސީން އިތުރަށް ބުނީ ރަސްމީކޮށް އަގުނަގައިގެން ޚިދުމަތް ދޭން ފެށުނުކަމުގައި ވީނަމަވެސް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.
އާރްޓީއެލް ފެރީތަކަކީ ޖުމްލަ 48 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. މި އުޅަނދުތަކުގައި ހާއްޞަ އެހީއަށް، ބޭނުންވާ ފަރާތްތަކަށް ހާއްޞަ ކުރެވިފައިވާ 4 ސީޓަކާއި، ވީލްޗެއަރ ސްޕޭސް އާއި ސްޓްރެޗަރ ސްޕޭސް ހުންނާނެއެވެ. އަދި އާރްޓީއެލް އުޅަނދުތަކުގެ ކައްޕިންނާއި ފަޅުވެރިންނަކީ މި މަސައްކަތަށް ބޭނުންވާ ހާއްޞަ ތަމްރީންތައް ފުރިހަމަކޮށްފައިވާ މުވައްޒަފުންތަކެކެވެ.
އެމްޓީސީސީން ބުނީ ލ. އަތޮޅުގެ އާރް.ޓީއެލް ފެރީ ޚިދުމަތް، ހަފުތާއަކު ހަ ދުވަހު އާރް.ޓީއެލް ބްރޭންޑްގެ ސްޕީޑް ފެރީ މެދުވެރިކޮށް 2 ރޫޓަކުން، ލިބިވަޑައިގަންނަވާނެ ކަމަށެވެ. އާރްޓީއެލް ފެރީ ޚިދުމަތުގެ ޝެޑިއުލް އާރްޓީއެލް ވެބްސައިޓް އަދި އާރްޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނާން ހުންނާނެއެވެ.
ލ. އަތޮޅާއެކު އާރުޓީއެލް ޚިދުމަތް މިހާރު ޖުމުލަ 15 އަތޮޅެއްގައި ވަނީ ޤާއިމްކުރެވިފައެވެ. އެއީ ޒޯން 1 ގެ ހއ.، ހދ.، ށ. އާއި، ޒޯން 2 ގެ ނ. ރ.، ބ.، ޅ. އާއި، ޒޯން 4 ގެ ފ.، ދ.، ތ.، ލ. އާއި، ޒޯން 5 ގެ ގއ.، ގދ.، އަދި ޖޯން 6 ގެ ޏ.، ސ އަތޮޅުއެވެ. ހަމައެހެންމެ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ އޮތް އަތޮޅުގައިވެސް އާރްޓީއެލް ޚިދުމަތް ފެށުމަށް ކުރާންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމުގައި އެމްޓިސީސީން ބުންޏެވެ.






